05 Nov 2016, 12:06
ވޮޝިންޓަން (ނޮވެމްބަރު 5): އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބާ ގާތްކޮށް، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ގައިދާއިން އެގައުމަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ ސަރުކާރާ ގުޅުން ހުރި ފަރާތަކުން ބުނި ގޮތުގައި އިއްޔެ ސަރުކާރު އޭޖެންސީތަކުން ވަނީ ނިއު ޔޯކު ސިޓީ، ޓެކްސަސް އަދި ވާޖީނިއާ އަށް އަލް ގައިދާއިން ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެ، އެސަރަހައްދުތަކުގެ އޮފިޝަލުން އެލާޓަށް ގެނެސްފަ އެވެ. ނަމަވެސް އެއީ ދަށް ލެވެލްއެއްގެ އެލާޓެއް ކަމަށް ވެސް ނަން ހާމަ ކުރަން ބޭނުން ނުވާ ސަރުކާރުގެ އޮފިޝަލު ބުންޏެވެ.
ނަމަވެސް އެފްބީއައި އާއި ނެޝަނަލް ހޯމްލޭންޑް ސެކިއުރިޓީން އެރިޕޯޓޫތައް ޔަގީންކޮށް ދީފައި ނުވާ އިރު، ފުލުހުން އަދި ވެސް ދަނީ ޓެރަރިޒަމް ޓާކް ފޯސްއާ އެކު އެރިޕޯޓުތައް ތަހުގީގު ކުރަމުން ކަމަށް ނިއު ޔޯކް ޕޮލިސް ޑިޕާޓްމެންޓުން ބުންޏެވެ.
އެމެރިކާއިން މިހާރު ބޮޑަށް ސަމާލު ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދީފާނެ ހަމަލާއަކަށް ނަަމަވެސް 11 ސެޕްޓެމްބަރު 2001ގައި އަލް ގައިދާއިން ނިއު ޔޯކަށް ދިން ހަމަލާއަށް ފަހު އެޖަމާއަތަކީ އެގައުމުގެ ކައުންޓާ ޓެރަރިޒަމް ޕްރޮގްރާމުން އެންމެ އިސްކަންދޭ އެއް ޖަމާއަތެވެ. (ރޮއިޓާސް)