ގދ. ތިނަދޫގައި 34 އަހަރުގެ ފިރިހެނަކު އޭނާގެ މަންމައަށް ހަމަލާދީ ބޯފަޅާލައިފި އެވެ.

ތިނަދޫއިން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ބުނީ މީގެކުޑަ އިރުކޮޅެއް ކުރިން ހިނގި އެ ހާދިސާގައި އެ ފިރިހެން މީހާގެ މަންމަގެ ކަރުގައި ހިފައި ފާރާ ދިމާލަށް ކޮށްޕާލުމުން އޭނާގެ މަންމަގެ ބޯ ފާރުގައި ޖެހި ބޯފަޅާއިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައުމުން އޭނާއަށް ވަޅިން ހަމަލާދީ އޭނާގެ އަތް ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ސަން އަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނި ގޮތުގައި މަންމަ އަށް ހަމަލާދިން 34 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަލާދީގެން ޒަހަމުވި އަންހެންމީހާ އާއި އެ އަންހެންމީހާ އަށް ހަމަލާ ދެނިކޮށް ދުރުކުރަން އެ ދޭތެރެ އަށް ވަން އަންހެންމީހާގެ ދަރިފުޅަށް ވަނީ ހޮސްޕިޓަލުން ފަރުވާދީފަ އެވެ.