05 Nov 2016, 11:22
ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމު، އިނގިރޭސިވިލާތަށް ފުރައިފި އެވެ.
އެ މުބާރާތުގައި ވާދަކުރުމަށް މިއަދު ހެނދުނު ރާއްޖޭން ފުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ތިން އަމަޕަޔަރަކާއި އެސިސްޓަންޓް އަމްޕަޔަރެއް ވެސް ވަނީ ފުރައިފަ އެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭން ވާދަކުރުމަށް ހަމަޖެހިފައި ވަނީ ޑަބަލްސް އިވެންޓާއި، ސްވިސް ލީގާއި، ޓީމް އިވެންޓް އަދި ސިންގަލްސް އިވެންޓުގައެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ޖުމްލަ އަށް ކުޅުންތެރިން ހިމެނެ އެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިންނާއި، ފިރިހެން ހަތަރު ކުޅުންތެރިންނެވެ.
ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ އަލީ އާޒިމާއި، ހުސައިން އަލީ އާއި، މުހައްމަދު މުންތަސިރު އަދި އަހްމަދު ހާމިދެވެ. އަންހެން ކުޅުންތެރިންނަކީ އައިޝަތު ފައިނާޒާއި، އައިމިނަތު ވިޝާމާ އާއި އައިމިނަތު ވިދާދު އަދި އައިމިނަތު ސުބާ އެވެ.
ރާއްޖޭން އެ މުބާރާތަށް ތައްޔާރުވުމަށްޓަކައި، އިންޑިއާއާ އެކު ރާއްޖޭގައި ވަނީ ޓެސްޓް ސީރީސް މެޗުތަކެއް ކުޅެފަ އެވެ. އެ މެޗުތަކުން ރާއްޖޭގެ އަންހެން ކުޅުންތެރިޔާ އައިޝަތު ފައިނާޒް ހޯދި ކާމިޔާބު ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ޒުވާން ކުޅުންތެރިޔާ އައިމިނަތު ސުބާ ވެސް ވަނީ އިންޑިއާގެ ކުޅުންތެރިއެއް އަތުން މޮޅުވެފަ އެވެ. އެއީ ރާއްޖޭގެ ކެރަމް ތާރީހުގައި އިންޑިއާގެ ކުޅުންތެރިއެއް އަތުން ރާއްޖޭގެ އަންހެން ކުޅުންތެރިން މޮޅުވި ފުރަތަމަ ފަހަރެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11 ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ކުރިއަށްގެންދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި 17 ގައުމަކުން 126 ކުޅުންތެރިން ވާދަކުރާނެ އެވެ.