13 Jun 2011, 11:04
ކުރީގެ އަސަރީ ކެފޭ އިމާރާތުގައި ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހުގެ ތަޅު ހަލާކުކޮށްލައިގެން ބަޔަކު ރޭ ދަންވަރު ވަދެ، ތިޖޫރީއަށް ގެއްލުންދީފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، އިމިގްރޭޝަންގެ އެކްސްޕެޓްރިއެޓް މޮނިޓަރިން އެންޑް ރިޕެޓްރިއޭޝަން ޑިވިޝަނަށް ބަޔަކު ރޭ ދަންވަރު ވަދެ، އެތަނުގެ ތިޖޫރީއަށް ގެއްލުންދީފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ފައިސާއެއް ނުގެންދެވޭ ކަމުގައި ޝާހިދު ވިދާޅުވި އެވެ.
"ތިޖޫރީ ފަޅާލަން އުޅެފައި ހުރީ، ތިޖޫރީގެ މަތާ ހަލާކުކޮށްލައިފަ ހުރީ. އެކަމަކު އެއްވެސް ފައިސާއެއް ނުގެންދެވޭ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
އޮފީހުގެ އެހެން އެއްވެސް އެއްޗަކަށް ގެއްލުމެއް ދީފައިނުވާ ކަމަށާއި އެތަނަށް ވައްކަން ކުރަން ވަދެފައިވަނީ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެމީހުން އޮފީސް ފަޅާލައިފައިވަނީ ރޭ ޑިއުޓީގައި ސެކިއުރިޓީ ގާޑަކުވެސް ހުއްޓާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އޮފީހުގައި ސީސީޓީވީ ކެމެރާއެއް ނުހުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަންގެ އޮފީހަކަށް ރޭ ދަންވަރު ބަޔަކު ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް، އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ބިދޭސީންގެ ވިޒާ އާއި ޑިޕޮސިޓް ފައިސާ ބަލައިގަންނަ އެކްސްޕެޓްރިއެޓް މޮނިޓަރިން އެންޑް ރިޕެޓްރިއޭޝަން ޑިވިޝަންގެ ތިޖޫރީ ފަޅާލަން ރޭ ބަޔަކު މަސައްކަތްކޮށްފައިވަނީ، އެތަނުގެ މުވައްޒަފަކު އޮޅުވާލައިގެން ގިނަ އަދަދެއްގެ ޑިޕޮސިޓް ފައިސާ ނެގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ތަހުގީގު ހިންގަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.