ތިލަފުށްޓަށް ކުނި ހިފައިގެންދާ އުޅަނދު ފަހަރުތަކުން ކުނި އުކާލުމުގެ ހިދުމަތަށް ނަގާ އަގަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ އަގަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، ތިލަފުއްޓަށް ކުރިން ކުނި ހިފައިގެން އަންނަ ކޮޅުވެއްޓި ނުވަތަ އުޅަނދުތަކުން ކުނި ބާލައިދީ ހަދަނީ އަމިއްލަ ފަރާތްތައް ކަމަށާއި އެކަމަށް އެތައް ޗާޖެއް ނަގަމުންދިޔަ ކަމަށެވެ.

ނަމަވެސް، ތިލަފުއްޓަށް ގެންދާ ކުނި ހުސްކޮށްދިނުމުގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކުގެ ހިދުމަތްތައް މަނާކޮށް އެކަމާ ވެމްކޯއިން ހަވާލުވުމަށްފަހު އެ ފަރާތްތަކުން ނަގަމުންދިޔަ އަގުތައް އަލުން މުރާޖައު ކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

ތިލަފުއްޓަށް ކުނިއުކާލުމުގެ ހިދުމަތުގެ އަގެއްގެ ގޮތުގައި ކުރިން ނަގަމުންދިޔައީ، ޓަނޭޖަކުން 200 ރުފިޔާ އެވެ. އަދި ކުނިގެންނަ އުޅަނދު ކީވޯލް ޗާޖަކާއި ކުނި ގެންނަ އުޅަނދުތައް ހުސްކުރުމަށް އެކްސްކަވޭޓަރު ބޭނުންކުރުމަށް ވެސް ވަކި ފީއެއް ނަގައެވެ.

ނަމަވެސް، އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ތިލަފުއްޓަށް ކުނި އުކާލުމުގެ ހިދުމަތުގެ އަގަށް ވެމްކޯއިން ގެންނަން ނިންމާފައިވާ ބަދަލުގެ ދަށުން ތިލަފުށްޓަށް ކުނި އުކާލުމުގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ފީ ނެގޭނީ ކުނި ގެންދާ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް 400 ރުފިޔާގެ ރޭޓުންނެވެ.

ޖީއެސްޓީ ނުހިމަނައި ކަނޑައަޅާފައިވާ އެ ފީގައި ޓަނޭޖް ފީ އާއި ކީވޯލް ޗާޖުގެ އިތުރުން އެކްސްކަވޭޓަރު ކުއްޔަށް ހިފުމަށް ނަގާ ފީ ހިމެނޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ ކުރިން އުވާލަން ނިންމާފައިވާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.