05 Nov 2016, 11:16
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ދެކުނުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދު ތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
މެޓް އޮފީހުން ބުނީ، މިއަދުގެ މެންދުރު 12:00އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ވައިޖެހޭނެ ގޮތަށް ބަލާއިރު ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނެއްގައި އަދި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވޭނެ ކަމަށް ވެސް އެ ސެންޓަރުން ލަފާކުރެ އެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ދެކުނުގެ އިތުރުން ރާއްޖޭ ބޮޑު ބަޔަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.
ހުޅަނގުދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދު
- އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވޭ
- ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.