ބަތަލާ ޝްރައްދާ ކަޕޫރު އަދި ކުޅަދާނަ އެކްޓަރު ފަރްހާން އަޚްތަރް އާ ގުޅުވައިގެން ތަފާތު ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ފަރްހާން އަދި ޝްރައްދާ މީގެ ކުރިން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ފަރްހާން ބުނީ އޭނާ އެއްވެސް ފަންނާނަކާ ގުޅިފައި ނުވާނެ ކަމަށެވެ.

އެންމެ ފަހުން ޝްރައްދާ ވެސް މިވަނީ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ. ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ޝްރައްދާ ބުނީ، އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެހެން ފެތުރުމަކީ އިންސާފެއް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ.

އަދި އަޅުވާ ކިޔުމަކީ އަބަދު ވެސް އޭނާ ނުރުހޭ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އުނދަގޫ ވާކަމަށް ވެސް ބުނެފައެވެ.

"އަޅުވާ ކިޔުމަކީ އަހަންނަށް އަބަދު ވެސް ވަރަށް އުނދަގޫވާ ކަމެއް. އެއީ ކޮންމެ މީހަކާ އެކުގައި ކަމަށް ވިޔަސް ހެޔޮ. އަހަރެން ގަބޫލު ކުރާ ގޮތުގައި އެއީ އެކްޓަރުންނަށް ވަރަށް ބޭއިންސާފުން ކުރެވޭ ކަމެއް. ޚާއްސަކޮށް އެކުގައި މަސައްކަތް ކުރާ ދެމީހުން އަޅުވާ ކިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެއް،" ޝްރައްދާ ބުންޏެވެ.

ޝްރައްދާ ބުނީ އަމިއްލަ ދިރުއުޅުމުގެ ވާހަކަތައް ނޫސްތަކުން ދައްކާތީ ކުރާ މަސައްކަތަށް ބެލުންތެރިންގެ ޝައުގުވެރިކަން ނުހުންނަ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ޝްރައްދާ އަދި ފަރްހާންގެ މެދުގައި ގުޅުމެއް އުފެދުނީ ދެމީހުންގެ ކުރިއަށް އޮތް ފިލްމް 'ރޮން އޮން 2' ގެ މަސައްކަތުގެ ތެރެއިންނެވެ.