05 Nov 2016, 10:05
މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކައިވެނީގެ ގޮށް ޖަހާލި ބޮލީވުޑްގެ ފަންނާނުން ކަމުގައިވާ ބިޕާޝާ ބާސޫ އަދި ކަރަން ސިންގ ގްރޯވަރު ދެ މީހުންނަށް ކުއްޖަކު ލިބެން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޕޮޓްބޮއި ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ވާގޮތުން ބިޕާޝާ އާއި ކަރަން އަންނަނީ މިދިޔަ މަހުން ފެށިގެން ގަވާއިދުން މާބަނޑު މީހުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަމުންނެވެ.
ބިޕާޝާ އަދި ކަރަން އަށް އެ ނޫހުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ މައުލޫމާތު ކަށަވަރު ނުކުރެވޭ ކަމަށް ނޫހުން ބުނެ އެވެ.
އެ ޚަބަރު އަދި ކަށަވަރު ނުވި ނަމަވެސް، ބޮލީވުޑުގެ ބަތަލާ ކަރީނާ ކަޕޫރު ވެސް ފުރަތަމަ ވަނީ ބަލިވެއިން ކަމަށް ބުނާ ވާހަކަ ތައް ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެކަމަށް އެއްބަސްވެފައެވެ.
ކަރަން އާއި ބިޕާޝާ އަކީ ބޮލީވުޑުގެ އެންމެ ލޯބިން އުޅޭ ޖޯޑު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ދެމީހުން ކައިވެންޏަށް ފަހު އެކުގައި ގިނަ ވަގުތު ހޭދަ ކުރާ އިރު ސޯޝަލް މީޑިއާގައި އާންމު ކުރާ ފޮޓޯތަކުން ދެމީހުންގެ ދިރިއުޅުން ވަރަށް ވެސް އުފާވެރި ކަމަށް ފެނެ އެވެ.