އައިޝްވާރްޔާ ރާއި ބައްޗަން އެންމެ ފަހުން ކުޅުނު ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ނުބަލާ ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.

ފިލްމާ ގުޅޭ ގޮތުން މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އަބީޝެކް ބުނެފައި ވަނީ މި ދުވަސްކޮޅު ވަރަށް ބުރަކޮށް އުޅެން ޖެހުމުން ފިލްމު ބަލާނެ ފުރުސަތު އަދި ނުލިބޭ ކަމަށެވެ.

"އަހަރެން ވަރަށް ފަހުރުވެރިވަން އައިޝްވާރްޔާގެ މަސައްކަތަށް. އަހަރެން އަދި އޭ ދިލް ހޭ މުޝްކިލް ނުބަލަން. ޓީމް އާއެކު ދަތުރު ކުރުމުގައި ވަރަށް ބިޒީކޮށް މި ދުވަސްކޮޅު މި އުޅެނީ. ބައެއް މަންޒަރުތައް ފެނުނު. އަދި އައިޝްވާރްޔާ ވަނީ ފިލްމުގެ ސެޓުގައި ހިނގި ބައެއް ކަންކަން ވެސް އަހަންނާ ހިއްސާ ކޮށްފައި،" އަބީޝެކް ބުނެފައިވެ އެވެ.

އަބީޝެކް ފިލްމު ނުބަލާ ކަމަށް ބުނި އިރު، އެ ފިލްމުގައި އައިޝްވާރްޔާ އަދި ރަންބީރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ ބައްޗަން އާއިލާ އިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބި ކަމަށް ޚަބަރުތައް ބުނެ އެވެ.

އަދި އެ ފިލްމު ބޮއިކޮޓް ކޮށްފައިވާ ކަމަށް ވެސް ބައެއް ޚަބަރުތައް ވަނީ ބުނެފަ އެވެ.

ކަރަން ޖޯހަރުގެ އޭ ދިލް ހޭ މުޝްކިލް ރިލީޒް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ފިލްމުގައި އައިޝްވާރްޔާ އާއި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އަދި ފަވާދު ޚާން އެވެ. އެ ފިލްމަށް އިންޑިއާ ގައި އަދި އިންޑިއާ އިން ބޭރުގައި ވެސް ބޮޑު ކާމިޔާބެއް އަންނަނީ ލިބެމުންނެވެ.