ހއ. އުލިގަމު ގޮނޑު ދޮށުން ފެނުނު އެއްޗެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ގައުމީ ދިފާއީ ބާރުން ބުނީ އުލިގަމު ގޮނޑޮދޮށުން މިއަދު ފެނުނީ ކޯންޗެއްކަން އަދި ދަންނަވަން ނޭންގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ގޮވާ ޒާތުގެ އެއްޗަކަށް ނޫން ކަމަށާއި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުންޏެވެ.

ސިފައިން ބުނީ އުލިގަމުން ފެނުނު އެއްޗަކީ ކޯންޗެއްކަން މިހާތަނަށް ސާފުވެފައި ނުވި ނަމަވެސް އެއީ ކަނޑުމަތީގައި ލައިފް ރިންގާއެކު ދުރަށް ސިގްނަލް ފޯރުކުރުމަށް ބޭނުން ކުރާ ޒާތުގެ އާލާތެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގައުމީ ދިފާއީ ބާރުގެ އޮފިސަލަކު ވިދާޅުވީ އުލިގަމުން ފެނުނު އެތި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެ އެތި، ކަނޑުމަތީ ގިނަ ދުވަހު އޮތުމުގެ ސަބަބުން ވަރަކަށް ފެހި ޖަހާފަ ކަމަށް ވެސް ބުންޏެވެ.

އުލިގަމުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު 9:00 ޖަހާކަންހާއިރު އޭތި ރަށުގެ މޫދުން ފެނުނީ އެ ރަށުގައި ހުރި އެމްޓީޑީސީ ސައިޓްގައި ސެކިއުރިޓީ އަށް ހުރި މީހަކަށް ކަމަށެވެ.
އަދި އެއީ ކޯއްޗެއްކަން ނޭނގޭތީ ސިފައިންނާ ހަވާލު ކުރީ ކަމަށް ވެސް އެމީހާ ބުންޏެވެ.