05 Nov 2016, 08:55
ޝީ ފިޓްނެސްއިން ރާއްޖެއަށް "ޕައުންޑް ފިޓްނެސް" ޕްރޮގްރާމް ތައާރަފު ކޮށްފިއެވެ. މިއީ އޭޝިއާ ބައްރުގައި "ޕައުންޑް" ކްލާސްތައް ހިންގާ ފުރަތަމަ ފަހަރެވެ.
ަޕައުންޑް ފިޓްނެސްއަކީ، ދެ ދަނޑި ބޭނުންކޮށްގެން ބެރު ޖަހާ ފަދަ ހަރަކާތްތަކެއް ކުރަމުން ހިންގޭ ކާޑިއޯ އެކްސަސައިޒް ޕްރޮގްރާމެކެވެ.
ޝީ ފިޓްނެސްއިން ޕައުންޑް ފިޓްނެސް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން، ވިލާ ކޮލެޖުގައި ރޭ ވަނީ ޚާއްސަ ސެޝަނެއް ބާއްވައިފައެވެ. ޕައުންޑްގެ އެ ސެޝަން ކުރިޔަށް ދިޔައީ އާންމުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށެވެ.
ޝީ ފިޓްނެސްގެ ދެ ޕައުންޑް އިންސްޓްރަކްޓަރުން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ޝީ ފިޓްނެސްގެ އޯނަރ އަދި އިންސްޓްރަކްޓަރ އާއިޝަތު ޝީނީޒް "ސަން" އަށް ވިދާޅުވި ގޮތުގައި ޕައުންޑަކީ އެމެރިކާގެ ދެ ޑްރަމަރުން އުފެއްދި ފިޓްނެސް ވޯކްއައުޓެކެވެ. މިއީ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި އެންމެ މަގުބޫލު، އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކާޑިއޯ ވޯކްއައުޓް ޕްރޮގްރާމެވެ.
"ފުލް ބޮޑީ ވޯކައުޓްތަކެއް، ބަނޑާ އެކު އިންޓަވަލް ޓްރެއިނިންގްތަކެއް ކުރިޔަށް ދާނީ،"
ޝީނީޒް ވިދާޅުވީ ޕައުންޑަކީ ހަށިގަނޑަށް ވަރަށް އިފެކްޓިވް ވޯކައުޓެއް ކަމަށެވެ.
"ނޯމަލް ކްލާހެއްގައި ބަރން ކޮށްލާނެ 900 ކެލޮރީ. އަލަށް އަންނަ އިރު އޮޅި ކަންކަން ވާނެ. އެކަމަކު ހަފްތާއެއް ތެރޭގައި ޕިކް ކޮށް، އޭގެ ކިކްގައި ސްޓާޓު ކުރީމަ ވަރަށް އިފެކްޓިވް ވާނެ،"
އޭނާ ވިދާޅުވީ، ޕައުންޑްގެ ކޮންމެ ތިން ސެޝަނަކަށްފަހު ބަނޑާއި ފައިގެ ވޯކައުޓްތަކެއް ވަކިން ހަދާނެ ކަމަށެވެ.
4 ނޮވެމްބަރ 2016: ޕައުންޑް ފިޓްނަސް ޕްރޮގްރާމް ރާއްޖެއަށް ތައާރަފުކުރުން: އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ޕައުންޑް ތައާރަފު ކުރެވިގެން މި ދިޔައީ ރާއްޖޭގައި -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ޕައުންޑް ވޯކައުޓް ހެދުމަށް ބޭނުންކުރަނީ "ރިޕްސްޓިކްސް" ނަމަކަށް ކިޔާ ދެ ދަނޑިކޮޅެވެ. މިއީ ބެރު ޖަހަން ގެންގުޅޭ ޒާތަށް ހުންނަ، ފްލޯރެސެންޓް ފެހި ކުލައިގައި ހުންނަ ދެ ދަނޑިކޮޅެވެ.
ރޭ ވިލާ ކޮލެޖުގައި ބޭއްވި ޕައުންޑްގެ އިންޓްރޮޑަކްޓަރީ ހަރަކާތުގައި ހިންގާފައިވަނީ ގާތްގަނޑަކަށް 20 މިނިޓުގެ ވޯކައުޓްތަކެކެވެ.
ޝީނީޒް ވިދާޅުވީ ޝީ ފިޓްނެސްއިން ކުރިޔަށް ގެންދާ ޕައުންޑް ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޝީ ފިޓްނެސްގެ ހޮޓްލައިން 9777669 އަށް ގުޅައިގެން، ނުވަތަޝީ ފިޓްނެސްގެ ފޭސްބުކް ޕޭޖުމެދުވެރިކޮށް ޝައުގުވެރިކަން ފާޅުކޮށް، ނަން ނޯޓު ކުރެވޭނެއެވެ.
4 ނޮވެމްބަރ 2016: ޕައުންޑް ފިޓްނަސް ޕްރޮގްރާމް ރާއްޖެއަށް ތައާރަފުކުރުން: އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ޕައުންޑް ތައާރަފު ކުރެވިގެން މި ދިޔައީ ރާއްޖޭގައި -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ކްލާސްތަކުގައި ބައިވެރިވުމަށް ނިންމުމުގެ ކުރިން، ޕައުންޑްގެ ކޮންމެ ވޯކައުޓެއްގެ ޓްރަޔަލް ކްލާހެއްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ވެސް ޝީ ފިޓްނެސްއިން ދެއެވެ.
"ފްރީ ޓްރަޔަލް އެއް ކްލާސް އޮންނާނެ. ތިމަންނާއަށް މި ހެދޭނެތޯ ބަލާލާފައި ޖޮއިން ކުރުމަށް. އެކި ކަހަލަ ޕްރޮގްރާމް ހުރީމަ ޓްރަޔަލް ލިބޭނެ ހުރިހާ ކްލާހަކުން،" ޝީނީޒް ވިދާޅުވިއެވެ.
ޝީ ފިޓްނެސްއިން ޕައުންޑްގެ ޓްރެއިނަރުންގެ ގޮތުގައި އުޅުއްވާނީ ޝީނީޒްގެ އިތުރުން ނީނާ މުހައްމަދެވެ. މި ދެ ބޭފުޅުން ވަނީ، އެމެރިކާއިން ސިންގަޕޫރަށް އައި ޕައުންޑްގެ ތަޖުރިބާކާރުން، ސިންގަޕޫރުގައި މިދިޔަ މަހު ހިންގި ޕައުންޑް އިންސްޓްރަކްޓަރުންގެ ޓްރެއިނިންގްގައި ބައިވެރިވެ، އެކަމުގެ ތަމްރީނު ހޯދައިފައެވެ.