ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ ޓިކެޓް ނުދޭން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ޔާމީނަށް ތާއީދުކުރާ ރައީސް ޔާމީންގެ ފެކްޝަނުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި، ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ފުރަތަމަ ޕްރައިމަރީގައި ވެސް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ތަބަކަށް ލާފައެއް ނޫނެވެ.

ވަރަށް ބުރަ މަސައްކަތުން ޓިކެޓް ހޯއްދަވައިގެން ވެރިކަމަށް ވަޑައިގަތް ގައުމަށް ގެންލުން ދެނިވި އެއްވެސް ކަމެއް ރައީސް ޔާމީން ކުރައްވާފައި ނުވާ ކަމަށާއި އެއީ އެމަނިކުފާނަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ތާއީދު ދެއްވާ ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ކޮން ސަބަބަކާހުރެތޯ އަޅުނގަޑުމެން ޕާޓީގެ ރިޔާސީ ޓިކެޓް 2018 ވަނަ އަހަރު ދޭން އަޅުނގަޑުމެން އެންމެން މުޅި ކައުންސިލްގެ އަޣުލަބިއްޔަތުން އެދުނީމާ ނުދޭން ހުއްޖެއް ދައްކަންވީކީ. ނޯންނާނެ ދެއްކޭނެ އެއްވެސް ހުއްޖަތެއް. ހުއްޖަތެއް ދައްކާކަށް ޖާގައެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހައްގުކަމަށް މީގެ ކުރިން ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ނިހާން އޭރު ވިދާޅުވީ ޕާޓީގެ ހުރިހާ އިސް މެމްބަރުންނާއި ކައުންސިލްގެ ތާއީދު އެންމެ ފުރިހަމައަށް ރައީސް ޔާމީނަށް އޮތުމެވެ.

ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ޕްރައިމަރީއަކާ ނުލައި، ރައީސް ޔާމީނަށް ދިނުމާ މެދު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނާ ދެމެދު ދެބަސްވުންތަކެއް ވަނީ އުފެދިފަ އެވެ.

އެގޮތުން ޕްރައިމަރީ ނުބާއްވާ ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓް ދިނުމަށް، ކައުންސިލްގައި ތިބޭ 33 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ފިޔަވާ ހުރިހާ ބޭފުޅުން ސޮއި ކުރައްވައި ރައީސް މައުމޫންއަށް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހަޅައިފަ އެވެ.

ނަމަވެސް މައުމޫން ގެންދަވަނީ ޑިމޮކްރަސީއާ ހިލާފުކަމެއް ކަމަށް ވިދާޅުވެ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ނިހާން ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ޓިކެޓް ދޭން ޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި މުސްލިމު ގައުމެއްގެ ވެރިއަކަށް ހުންނަވައިގެން ކަންތައް ކުރަން ޖެހޭ ގޮތްތަކަށް އެމަނިކުފާނު ކަންތައް ކުރެއްވުމާއި މުސްލިމު ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ގުޅުން ބަދަހި ކުރެއްވުން ހިމެނެ އެވެ.

"ރައްޔިތުން މަޖިލީހުގެ މެމްބަރު ރައީސް ޔާމީންގެ ފަހަތުގައި ތިބި ސަބަބަކީ މިއީ. މި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕަކީ މި ސަރުކާރު ނަގާ ދަމަހައްޓާ ރައީސް ޔާމީނަށް ހިދުމަތްކުރުމުގެ ދުނިޔޭގެ ފެންވަރުގެ ޓްރެކް ރިކޯޑު އޮތް މަޖިލިސް މެމްބަރުން ތިބި ޕާޓީއެއް މިއީ،" ނިހާން ވިދާޅުވި އެވެ.