ރާއްޖޭގައި ދިމާވާ މައްސަލަތަކަށް ރާއްޖެއިން ބޭރުގެ ހައްލުތަކެއް މިއަދުގެ ސަރުކާރުން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރިމަތިވަމުން އަންނަ ބޭރު ގައުމުތަކުގެ ނުފޫޒުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ، ރާއްޖޭގެ އިސްތިގުލާލު ރައްކާތެރިކޮށް، މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ސަރުކާރުން އެދޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރާ އެކު ހުންނެވި އިރު، ސަރުކާރުގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތައް ނުބެއްސުމަށް ގަދަ އަޑުން ވާހަކަ ދެއްކެވި ނަމަވެސް މިއަދު "ޖަހާ ދަންތުރަތަކުން އިވެނީ އެހެން އަޑެއް" ކަމަށެވެ.

"މިއަދު އިވެނީ ކޮން އަޑެއްތޯ. މިއަދު ޖަހާ ދަންތުރަތަކުން އިވެނީ އެހެން އަޑެއް. އަޅުގަނޑުމެންގެ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހައްލު ނުކުރެވޭތީ ބޭރުގެ ފަރުވާއަށް އަޅުގަނޑުމެން ބަރޯސާ ވާންޖެހޭއޭ [ވިދާޅުވާ] އަޑު،"

ރައީސް މިހެން ވިދާޅުވީ، ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ވިދާޅުވުމެއްގެ ރައްދުގައި ކަމަށް ބެލެވެއެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށާއި، އެކަހެރިވެގެން ކަންކަން ހައްލު ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް 2013 ވަނަ އަހަރު ބޭއްވި، ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ރައީސް މައުމޫން ވިދާޅުވީ ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް ކަމަށާއި ދެން އެންމެ އަވަހަށް އިންތިހާބުވެ ވަޑައިގަންނަވާ ވެރިއަކު ވަޑައިގެން ކޮމަންވެލްތުން ވަކިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކަށް ބޭރުގެ ޝިފާއެއް ބޭނުން ނުވާ ކަމަށާއި، ރާއްޖެއަށް ބޭނުންވަނީ ރާއްޖެއިން އުފައްދާ ހައްލުތަކެއް ކަމަށެވެ.

ރައީސް ޔާމީން ވިދަޅުވީ ރާއްޖެއަކީ ވަކި ބަޔަކާ އެކު ރަހުމަތްތެރިކަން ބާއްވާ ގައުމެއް ނޫން ކަމަށާއި، ރާއްޖޭގެ އިސްތިގުލާލާއި ކަރާމާތަށް އިހުތިރާމްކުރާ ކޮންމެ މިނިވަން ދައުލަތަކާ އެކުވެސް ރާއްޖެއިން ގުޅުން ބާއްވައި، ރަހުމަތްތެރިއެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ކުރާ ކަންކަތަށް ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައި އަޅުގަނޑުމެންގެ ތެރެއަށް ދަނޑި ބާނަން މަސައްކަތް ކުރުމަކީ އަޅުގަނޑޫމެންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން. އެކަމަށް މި ސަރުކާރުން ޖާގައެއް ނުދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މައުމޫނަށް ނުސީދާކޮށް ރައީސް ޔާމީން މިހެން ވިދާޅުވި ނަމަވެސް، ރައީސް މިރޭ ވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އަލުން ދައުވަތު ދެއްވައިފައެވެ.