މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގުރޫޕް އެކެއްގެ އެއްވަނަ ތ.ތިމަރަފުށި ހޯދިއިރު ގްރޫޕް ދޭއްގެ އެއްވަނަ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ހޯދައިފިއެވެ.

ގްރޫޕްގެ އެކެއްގެ އެއްވަނަ ފޭދޫ ހޯދީ މިއަދު ހަވީރު 2-1ގެ ނަތީޖާ އަކުން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ދ. ކުޑަހުވަދޫ ބަލިކޮށްގެންނެވެ.

ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގެ ފުރަތަމަ ފަސް މިނެޓްގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު ދެވަނަ މިނެޓްގައި ކާމިޔާބްކޮށް ކުޑަހުވަދު އަށް ލީޑު ހޯދައިދިނީ އަހުމަދު ތޮލާލްއެވެ. ނަމަވެސް ހަތަރު ވަނަ މިނެޓްގައި ކުޑަހުވަދޫގެ އާދަމް ޝަމީމް ވަނީ ގޯލެއް ކާމިޔާބްކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ކުރީ ކޮޅުގައި ފެނުނު ދެ ގޯލަށް ފަހު ދެން ލަނޑެއް ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ފޭދު އަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އިބްރާހިމް މަހުދީ އެވެ.

އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފޭދޫ އެއްވަނާގައި އޮތީ ޖުމްލަ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ކުޑަހުވުދާ އަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާ އެކު ތިން ވަނަ ލިބުނު ދެއްވަދޫ އާއި ޕޮއިންޓެއް ނުލިބި ފުލުގައި އޮތް މަހިބާދޫއަށް ވަނީ މުބާރާތް ނިމިފައެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ތިމަރަފުށީ ހޯދީ މިއަދު ހަވީރު އެ ރަށުގައި ކުޅުނު މެޗު 1-0ގެ ނަތީޖާ އަކުން އޭދަފުށީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެއްވަނާގައި އޮތް ތިމަރަފުއްޓަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބޭއިރު ދެވަނާގައި އޮތް އޭދަފުއްޓަށް ލިބެނީ ހަ ޕޮއިންޓެވެ. ތާވަލުގެ ފުލަށް ދިޔަ ހދ. ހަނިމާދޫ އާއި ނ.ލަންދުއަށް ވަނީ މުބާރާތް ނިމިފަ އެވެ. ތިން ވަނަ ހޯދި ލަންދު އަށް ތިން ޕޮއިންޓް ލިބުނު އިރު، ހަނިމާދު އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަށް އަންނަ ހޯމަ ދުވަހު ފެށޭ އިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދި ފޭދޫ އާއި ގްރޫޕްގެ ދޭއްގެ ދެވަނަ ހޯދި އޭދަފުއްޓެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ގްރޫޕް ދޭއްގެ އެއްވަނަ ހޯދި ތިމަރަފުށި ނިކުންނާނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދި ކުޑަހުވަދޫއާއެވެ.