13 Jun 2011, 11:13
އަލްޖަޒީރާގެ މުހައްމަދު އުމަރު ލިޔުނު ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމު
ފަލަސްތީންގެ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭހުގެ އެހީ ފޯރުކޮށްދިނުމަށް އެރަށުގައި ހަރަކާތްތެރިވަމުންދާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ގޮވަމުން އެބަދެ އެވެ.
ޣައްޒާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ރަށުގެ ބޭހުގެ ސްޓޮކް މިހާރު ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ. އެކަމުގެ ސަބަބުން ފުރަތަމަ އެހީ ދިނުމާއި ސިއްހީ އެހެން ޚިދުމަތްތަކަށް ވަނީ އަސަރުކޮށްފަ އެވެ.
ޣައްޒާގެ އިމަޖެންސީ ހިދުމަތާއި އެމްބިއުލާންސާ ބެހޭ ތަރުޖަމާނު އަދުހަމް އަބޫ ސަލްމިއާ ވިދާޅުވި ގޮތުގައި ބޭސް ނެތުމުގެ މައްސަލަ ވަނީ ނުރައްކާތެރި ފައްތަރެއްގަ އެވެ. އަދި ކުރިއަށް އޮތް ތެދިން ހަފްތާގެ ތެރޭގައި ޣައްޒާއަށް ބޭސް ނުލިބިއްޖެ ނަމަ އެ މައްސަލަ ބޮޑު ކާރިސާއަކަށް ވެ، ސިއްހީ ހިދުމަތް ހޯދާ އެންމެނަށް އެކަމުގެ އަސަރުކުރާނެ އެވެ.
ޣައްޒާގައި ހަމާސްއިން ގާއިމްކޮށްފައިވާ ސަރުކާރުގެ ހެލްތު މިނިސްޓަރު ޑރ. ބާސިމް ނާއިމް ވިދާޅުވީ ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތަކުގެ ތެރެއިން 178 ބާވަތެއް މިހާރު ވަނީ މުޅިން ހުސްވުމާ ކައިރީގަ އެވެ. އަދި 190 ބާވަތެއްގެ ބޭސް ވަނީ މުއްދަތު ހަމަވެފައި ނުވަތަ މުއްދަތު ހަމަވުމާ ގާތުގައެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން އެތައް އޮޕަރޭޝަންތަކެއް ފަސްކުރަން ޖެހިފައިވާ ކަމަށެވެ.
އަލްމެޒާން ސެންޓަ ފޯ ހިއުމަންރައިޓްސް ބުނާ ގޮތުގައި މިހާރު ހުސްވުމުގެ މަގުމަތީގައިވާ ބޭސްތަކަކީ ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ އިންވެންޓްރީގައި ހިމެނޭ ބޭސްތަކުގެ 50 ޕަސެންޓެވެ.
ޣައްޒާގެ ބޭސްފަރުވާގެ ދަތިކަން ފެށިފައި ވަނީ 2006 ވަނަ އަހަރުއެވެ. ފަލަސްތީން ރައްޔިތުންގެ މެޖޯރިޓީ ވޯޓް ހަމާސްއަށް ލިބުމާ ގުޅިގެން އޭރު އިސްރާއީލުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަމާސް ސަރުކާރަށް ބަޖެޓް ނުލިބުމާއި ޣައްޒާއަށް ބޭސް އެތެރެކުރުމަށް ހުރި ދޮރުތައް ބަންދުވުމަކީ މި މައްސަލައިގެ ފެށުމެވެ.
ޣައްޒާގައި ބޭހުގެ ދަތިކަން ކުއްލި ހާލަތަކަށް ގޮސްފައިވާކަން ޑރ. ނާއިމް މިހާރު ވަނީ އިއުލާން ކުރައްވާފަ އެވެ.
އަލްމެޒާން ސެންޓަ ފޯ ހިއުމަން ރައިޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާއިން ބޭސް ހުސްވަމުން ދަނީ ބޭސް އުފައްދާ ކުންފުނިތަކަށް ދެއްކޭނެ ގޮތެއް ހަމާސް ސަރުކާރަށް ނެތިގެން ކަމަށެވެ. އެގޮތުން ދައްކަން ޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ 56،263000 ޑޮލަރަށް އަރާފައެވެ.
ރާމަﷲގައި އޮންނަ ފަތަހަ ޖަމާއަތުގެ ސަރުކާރު )ޕެލަސްޓީނިއަން އޮތޯރިޓީ( އިން ޣައްޒާއަށް ބޭސް ފޯރުކޮށްދެމުން ނުދާތީ ބޭހުގެ ދަތިކަން ފޯރަމުންދާ ކަމުގެ ޝަކުވާ ޣައްޒާގައި އޮންނަ ހަމާސް ސަރުކާރުން މިދިޔަ ފަސް އަހަރުވެސް ދިޔައީ ކުރަމުންނެވެ.
ޕީއޭއިން ވަނީ ޣައްޒާއަށް ބޭސް ފޯރުކޮށްދިނުން މިދިޔަ އަހަރުން ފެށިގެން މުޅިން ހުއްޓާލާފަ އެވެ.
ޑރ. ނާއިމް ވިދާޅުވީ ޕީއޭ އިން ޣައްޒާއަށް ބޭސް ނުފޮނުވަނީ އެ ޖަމާއަތާ ހަމާސްއާ ގުޅިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދަން ކުރާ މަސައްކަތް ބަލިކަށި ކުރުމަށްޓަކައި ފަތަހަ ޖަމާއަތަށް އެމެރިކާއާ އާއި އިސްރާއީލުން ފިއްތުންތައް ކުރިމަތިކުރަމުންދާތީ އެވެ.
ޣައްޒާގެ ސިއްހީ ހިދުމަތަށް ކުރިމަތި ވެފައިވާ ހަމަ އެކަނި މައްސަލައަކީ ބޭސް ނުލިބުމެއް ވެސް ނޫނެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގައި އިކްއިޕްމެންޓްގެ ދަތިކަން ވެސް އެހާ ބޮޑެވެ.
އިސްރާއީލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސިއްހީ ރަނގަޅު ފަރުވާ ލިބުމުން މަހުރޫމްވެފައިވާ އެތައް ބައެއްގެ ތެރެއިން އެކަކީ އުމުރުން އެންމެ 10 މަހުގެ އިސްމާއިލް ސަލާމިހު އެވެ.
" އަހަރެންގެ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ދަނީ ލޭ އެޅެމުން، އެކުއްޖާއަށް ފަރުވާ ދިނުމަށްޓަކައި ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހޭ،" ޣައްޒާގެ އައް ރަންތީސީ ހޮސްޕިޓަލުގައި އޮތް ސަލާމިހުގެ މަންމަ ބުންޏެވެ.