04 Nov 2016, 23:07
ޕީޕީއެމްގައި ދެގޮތެއް ނުވެ ދެމި ތިބީ ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން އެ ޕާޓީއާ ގުޅުނު ބޭފުޅުން ކަމަށާއި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އޮޅުވާލައިގެން އުޅެނީ ދުރުން އައި ބައެއް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކާނިވަލު ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދުރުން އައިސް ޕީޕީއެމާ ގުޅުނު މީހުން ރައީސް މައުމޫނަށް ހެޔޮ ނޭދޭނެ ކަމަށެވެ.
ޕީއޭއިން ގުޅުނު ބޭފުޅުން ޕީޕީއެމްގައި ދެމިތިބީ ދެގޮތެއް ނުވެ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވިއިރު ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައި ވަނީ ޕީޕީއެމްގައި މައްސަލަ އުފެދުނީ ޕީއޭފަދަ ޕާޓީތަކުން ޕީޕީއެމާ މީހުން ގުޅުމުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނަށް އަދިވެސް އިހްތިރާމު ކުރާ ކަމަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން މާލެ ގެނެސް ޕީޕީއެމުން ބޭއްވި "އަސްލު" ޖަލްސާއަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ޖަލްސާއެއް ބޭއްވުމުގެ ގާބިލުކަން ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ބައްލަވަން ވަޑައިގަންނަވާށޭ. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއަކުން މާލޭގައި ބާއްވާ އެންމެ ބޮޑު އެއްވުމޭ. މިއަށް ގޮންޖަހާފަ ދެން މިފަދަ އެއްވުމެއް ބޭއްވުމުގެ ސިޔާސީ ޕާޓީއެއް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަކު ނެތޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނަށް ލަފާ ދެއްވައިގެން ޕީޕީއެމް އުފެއްދުމުގެ ހަގީގީ މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ. އަދި އެ ޕާޓީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އެގޮތުން މިރޭ ބޭއްވި ޖަލްސާއަކީ މާލެ ސަރަހައްދުގައި ސިޔާސީ ޕާޓިއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބާއި، އެހެނިހެން އިންތިޚާބުތަކުގައި ޕީޕީއެމަށް ކާމިޔާބު ހޯއްދެއްވުމަށް ވެސް އަތޮޅުތެރެއަށް ވަޑައިގަތީ ރައީސް ޔާމީން ކަމަށެވެ.
ޕީޕީއެމް ބައިބައިވެފައިވާ ވާހަކަތަކެއް ފެތުރިފައިވާކަން ފާހަގަކުރައްވައި ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ ޕީޕީއެމް އަދިވެސް އޮތީ ރައީސް ޔާމީނާ އެކުގައި ކަމަށާއި ރާއްޖޭގެ ތަރައްގީއާގެން ކުރިއަށް ދިއުމުގައި ޕީޕީއެމް އަބަދުވެސް އޮންނާނީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.