ޕީޕީއެމުން މިހާތަނަށް އައިސްފައިވާ ހިސާބަށް އައުމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މެމްބަރުން ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއޭއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ކުރިން ހެއްދެވި ޕާޓީއެކެވެ. ޕީއޭއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެކުގައި މަސައްކަތް ކުރުމަށްފަހު، ޑީއާރުޕީގައި ދެ ފެކްޝަން އުފެދުމުން ރައީސް މައުމޫން އިސްވެ ހުންނަވައި، ޕީޕީއެމް އުފެއްދެވީއެވެ. ރައީސް މައުމޫނާ އެކު ރައީސް ޔާމީން ވެސް ޕީއޭ ދޫކުރައްވައި، ޕީޕީއެމްއާ ގުޅިވަޑައިގަތީއެވެ.

ޕީޕީއެމްގައި، އެޕާޓީގެ ރައީސް މައުމޫނާއި އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި ދެ ފެކްޝަނަކަށް ބެހުމުން، ރައީސް މައުމޫން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ތެރޭގައ މީހުން ޕީޕީއެމާ ގުޅުމުން ކަމަށެވެ.

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުރިން ޕީއޭގައި އުޅުއްވި، އަދި މިހާރު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގެ ނައިބު ރައީސްކަން ކުރައްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ޕީއޭއާއި ޑީއާރުޕީ ކުރި މަސައްކަތުން ކާމިޔާބީތަކާއި ނާކާމިޔާބީތައް ވެސް ލިބިފައިވާ ކަމަށެވެ.

"ދެހާސް އަށްވަނަ އަހަރު އިންތިޚާބާ ކުރިމަތިލައި، ޑީއާރުޕީއާއި ޕީއޭ ކުރި މަސައްކަތުން ކޮންމެއަކަސް އެފަދަރު ވީ ނާކާމިޔާބު،"

އެހެން ނަމަވެސް މިއަދު ޕީޕީއެމް އައިސްފައިވާ ހިސާބަށް އައުމުގައި ޕީއޭގެ މެމްބަރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ޕީއޭގެ މެމްބަރުން ކުރި މަސައްކަތްތައް، އަޅުގަނޑުމެން މިއަދު މިހާ ހިސާބަށް އައި އިރު ވަރަށް ބޮޑުވާނެ،"

ޒަމީރު ވަނީ ޕީއޭ އޮތް ޒަމާނުގައި އެ ޕާޓީ ޑީއާރުޕީއާ އެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވައިފައެވެ.

ޒަމީރު ވިދާޅުވީ، ޕީއޭއިން ޑީއާރުޕީއާ އެކު ކޯލިޝަން ހެދީ ރައީސް ޔާމީންގެ ކުޑަކުޑަ މެނިފެސްޓޯއަކާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް އެ މެނިފެސްޓޯގައި ހިމެނޭ ކަންކަން މިއަދު ތަންފީޒު ކުރެވެމުންދާ ކަމަށާއި، އެކަން ފެށުމާ އެކު ރައްޔިތުންނަށް ލިބެމުންދާ ފައިދާއާ މެދު ހައިރާންވާ ކަމަށެވެ.

"ދިވެހީންގެ ތެރޭގައި އެއް ބޭފުޅެއްގެ މިހާ ކާމިޔާބު ވިޝަންއެއް އޮތީ ހަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ،" ޒަމީރު ވިދާޅުވިއެވެ.