ސަރުކާރު ހިންގާ ޕީޕީއެމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ކުރިއަށް ގެންދާ ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

"އަސްލު" މި ނަމުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްވަމުން ޒަމީރު ވިދާޅުވީ 12،000 މީހުން ޖަލްސާގައި ބައިވެރިވުމަށް ކާނިވާ ސަރަހައްދަށް އެއްވެ ތިބި ކަމަށާއި ބައެއް މީހުންނަށް އެ ސަރަހައްދަށް ނުވަދެވިގެން އެނބުރި ދާންޖެހިފައިވާ ކަމަށެވެ.

"12،000 އަށް ވުރެ ގިނަ މީހުން މިތަނަށް އެއްވެ އެބަ ތިބި. އަދި ބޭރުގައި ނުވަދެވިގެން ވަރަށް ގިނަ ބޭފުޅުން ވަޑައިގަންނަވަން ވެސް ޖެހުނު،" ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ބޭއްވި ޕީޕީއެމްގެ ކައުންސިލުން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސެކިއުރިޓީ ސަބަބުތަކާއި އަދި ކާނިވަލުގެ ޖާގަ ކުޑަވުމުގެ ސަބަބުން، ޖަލްސާއަށް ވަނުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ނުވެސް ދެވުނު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ މިރޭ ބާއްވަމުންދާ އިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ކޮންމެ ހަރަކާތެއްގެ ވެސް ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރެއެވެ. އެގޮތުން، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަށް ވަދެވެނީ ސެކިއުރިޓީ ސްކްރީން ކުރުމަށްފަހު އެވެ.

މިރޭ ބާއްވަމުންދާ ޖަލްސާއަށް ވެސް ވަންނަ ސަރަހައްދުގައި ސެކިއުރިޓީ ސްކްރީންކުރާ ތިން މެޝިނު ބަހައްޓާފައި ހުއްޓެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި އަތޮޅު ތެރޭގެ ގިނަ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ، ކަނޑުމަގުންނާއި ވައިގެ މަގުން މާލެ އައިސްފަ އެވެ.