13 Jun 2011, 10:10
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއަށް ދަނިކޮށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ގައިކޮޅުގައި އަތްލައި ހަމަނުޖެހުން އުފައްދައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު ޑރ. އަފްރާޝީމް އަލީ އެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލައަށް ރިޔާޒް ރަޝީދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް، މުސްތަފާ ވަނީ ނިޒާމީ ނުކުތާ ނަންގައިވައި އޭނާގެ ވާހަކަފުޅަށް ހުރަސް އެޅުމަށްޓަކާ މަޖިލީހުގައި އަޑުގަދަ ކުރައްވާފަ އެވެ. އެމްޑީޕީން ހުށަހެޅި މައްސަލައާ ދެކޮޅަށް ރިޔާޒް ރަޝީދު ވާހަކަފުޅު ދައްކަވާއިރު، މައުޟޫ އިން ބޭރުން ވާހަކަފުޅު ދައްކަވާ ކަމަށް ވިދާޅުވެ، ރިޔާސަތުން މައިކްގެ އަޑު ކަނޑުއްވާލެއްވުމުން، މުސްތަފާ އާއި ރިޔާޒް ރަޝީދާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ގައިކޮޅުގައި އަތްލައި ހަމަނުޖެހުން ހިންގާފަ އެވެ.
ނަމަވެސް ގިނައިރުތަކެއް ނުވެ، މެންބަރުން އައިސް އެ ދެ ބޭފުޅުން ދުރުކުރެއްވި އެވެ. އަދި މުސްތަފާ ގޮވައިގެން މަޖިލީހުގެ ފުލޯއިން ބޭރަށް އެމްޑީޕީގެ ބައެއް ޕާލަމެންޓޭރިއަނުން ވަޑައިގެންނެވި އެވެ.