04 Nov 2016, 20:58
މީގެ އަށް އަހަރު ކުރިން 2008 ވަނަ އަހަރު ފެހެންދޫ ސްކޫލުގެ ކިޔެވުން އެޑިއުކޭޝަން މިނިސްޓްރީން ހުއްޓާލީ އެ ސްކޫލުގައި އެންމެ ދެ ކުދިން ކިޔަވަމުންދާތީ ކަމަށް ބުނެ އެވެ. އެ ނިންމުމާއެކު ފެހެންދޫ ދަރިވަރުން އެކި ރަށް ރަށަށް ކިޔަވަންދާން މަޖުބޫރުވި އެވެ.
ފެހެންދޫ ސްކޫލުގެ ކިޔެވުން ހުއްޓާލުމުން އެ ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވެންސެއް އެޑިއުކޭޝަން މިނިސްޓްރީން ދޭންފެށި އެވެ.
ދަރިވަރުންނަށް ދޭން ފެށި އެ އެލަވެންސް ބޭނުންކޮށްގެން ބެލެނިވެރިންގެ ބަޔަކު އިސްނަގައިގެން ގޮއިދޫއަށް ދަތުރުތައް ބޭއްވި އިރު، ފަހުން އެ ދަތުރުތައް ކުރީ ފެހެންދޫ ރަށު ކައުންސިލުގެ ޑިންގީއެއްގަ އެވެ. އެ ދަތުރުތަކަށް ބޭނުން ކުރަމުން ދިޔައީ 18 ފޫޓު ދިގު ހަ ފޫޓް ފުޅާ، ހިޔާކޮށްފައިނުވާ 30 ހޯސްޕަވަރުގެ އާދައިގެ ޑިންގީ އެއްގައެވެ.
ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ގޮއިދޫއަށް ދެވޭއިރު، ޑިންގީގައި ދަރިވަރުން ދަތުރު ކުރީ ވިއްސާރަ ވެހޭނަމަ ތެމިގެން، ދިޔަވަރު ބޮޑުވިޔަސް ތެމިގެންނެވެ.
ނަމަވެސް ދަތުރުތަކަށް ދަރިވަރުންގެ އަތުން ނަގާ 1000 ރުފިޔާގެ ފީ އިން އެކަން ނުކުރެވޭނެ ކަމަށާއި ޑިންގީއަކީ އެފަދަ ކުދިންތަކެއް އުފުލުމަށް ރައްކާތެރި އުޅަނދެއް ނޫން ކަމަށް ބުނެ ކައުންސިލުން ކުރަމުންދިޔަ ޑިންގީގެ ދަތުރުތައް މިއަހަރުގެ ޖުލައި މަހު ހުއްޓާލި އެވެ.
އެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމުން، އެޑިއުކޭޝަން މިނިސްޓްރީން ކުދިންނަށް ދޭ އެލަވެންސްގައި ޑިންގީއެއްގެ ދަތުރުތައް ފެށި އެވެ. ނަމަވެސް އެ ޑިންގީތަކުގެ ސަލާމަތްތެރިކަމާ ގުޅިގެން ބައެއް ބެލެނިވެރިން އޭގައި ދަތުރުކުރަން ދެކޮޅު ހެދި އެވެ.
ގޮއިދޫ އަދި ފެހެންދޫގައި ޑިންގީ ދުއްވާ ބަޔަކާ މަޝްވަރާކޮށް ބޭއްވި އެ ޑިންގީ އަކީ ވެސް ހިޔާކޮށްފައި ޑިންގީ އެއް ނޫން ކަމުން އެކަމަށް ދާއިމީ ހައްލެއް އޭރުވެސް އޮތީ ނުލިބިފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ ގޮއިދޫ އާއި ފެހެންދޫއާ ދޭތެރޭ ހިޔާ ކޮށްފައިވާ ލޯންޗެއް ފެހެންދޫ ދަރިވަރުންނަށް ހަމަޖައްސައިދީފަ އެވެ.
އެޑިއުކޭޝަންޑިވެލޮޕްމެންޓް އޮފިސާ އިބްރާހިމްއާސިފްރަޝީދު މިރޭ ވިދާޅުވީ، ފެހެންދޫގެ ދަރިވަރުންނަށް ދެމުންދާ ފެރީ ހިދުމަތައް ހައްލެއް ހޯދައިދިނުމަށް ވޭތުވެދިޔަ ހަތަރު މަހު ކުރި މަސައްކަތުން ހަމަޖެއްސި އެ ލޯންޗަކީ ރ. އަލިފުށީގަ ބޯޓްޔާޑެއް ހިންގާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފަސްރިޔާ ޕްރައިވެޓް ލިމިޓެޑުގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ އުޅަނދެއް ކަމަށެވެ.
ސީޓް ހަރުކޮށް އަތްވާއި ވާރޭއިން ނިވާވާނެ އަދި ތިލަ ފަޅުގައި ދުއްވޭނެ ގޮތަށް ފަރުމާކޮށްފައިވާ 13 މީހުންގެ ޖާގައިގެ އެ ލޯންޗުގައި 50 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތްއިރު، އެއީ ދިގު މިނުގައި 19 ފޫޓު އަދި ފުޅާ މިނުގައި ގާތްގަނޑަކަށް 10 ފުޓޫގެ ލޯންޗެކެވެ.
ފެހެންދޫ ދަރިވަރުންނަށް ހަމަޖައްސައިދިން ލޯންޗުގައި އަޅާފައިވާ އިންޖީނު ހަދިޔާ ކޮށްފައިވަނީ އެމްޓީސީސީންނެވެ. އަދި އެ ކުންފުނިން އެ އިންޖީނުގެ މެއިންޓަނެންސް މަސައްކަތް ވެސް ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
އާސިފް ވިދާޅުވީ، އެ ލޯންޗުގެ ހިދުމަތް ފެހެންދޫގެ ދަރިވަރުންނަށް ފޯރުކޮށްދޭނީ ގޮއިދޫ ޕީޓީއޭގެ ފަރާތުން ކަމަށެވެ. އަދި ލޯންޗުގެ ސަލާމަތީ ކަންތައްތައް ނިމުމުން ދަތުރުތައް ފަށާނެ ކަމަށާއި އެ ލޯންޗުގެ ހިދުމަތް ފެށުމުން ދަރިވަރުންނަށް ދެމުންގެންދިޔަ އެލަވެންސް ދިނުން ހުއްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.