ދިގު ދަތުރުތައް ކުރާ ބަޖެޓު އެއާލައިނެއް އުފެއްދުމަށް އެއާ ފްރާންސް ކޭއެލްއެމް ކުންފުނިން ނިންމައިފި އެވެ.

ފްރާންސްގެ ގައުމީ އެއާލައިން އެއާ ފްރާންސްގެ ބެލެނިވެރި ކުންފުނި، އެއާ ފްރާންސް ކޭއެލްއެމްގެ ސީއީއޯ ޜޮން މާކް ޜަނަޔަކް ވިދާޅުވި، އާ އެއާލައިނެއް އުފެއްދުމުގެ މަގްސަދަކީ، އެއާ ފްރާންސަށް ގެއްލިފައިވާ މާކެޓު އަލުން އެ ކުންފުންޏަށް ހޯދުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ގަލްފު ގައުމުތަކުގެ އެއާލައިންތަކުން ވަނީ، އެއާ ފްރާންސްގެ މާކެޓުގެ ބޮޑު ބައެއް ނަގާފަ އެވެ.

މި އާ އެއާލައިނަށް އަދި ނަމެއް ދީފައި ނުވާ އިރު، އެއާ ފްރާންސުން ބުނަނީ އެ އާލައިނުން އިކޮނޮމީ އަދި ބިޒްނަސް ކްލާސްގައި ދަތުރު ކުރެވޭނެ ކަމަށާއި، އެ އެއާލައިނުން ދަތުރުކުރާނީ އާ މަންޒިލުތަކަކަށް ކަމަށެވެ.

މީގެ އިތުރުން އެ އެއާލައިން ހިންގާނީ އެއާ ފްރާންސްއާ މުޅިން ވަކިން ކަމަށާއި، ދެ ކުންފުނީގެ ކްރޫއިންނާއި ޕައިލެޓުން ވެސް އެއްނުކުރާނެ ކަމަށް އެއާ ފްރާންސުން ބުނެ އެވެ. މިގޮތަށް ނިންމާފައި ވަނީ، އެހެން ބަޖެޓު އެއާލައިންތަކާ ސީރިއަސް މާހައުލެއްގައި ވާދަ ކުރުމުގެ ގޮތުންނެވެ.

"މިހާރު އޮތް ހާލަތް އޮޕްޝަނެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެ. އެބަ ޖެހޭ މާކެޓްތަކުގައި ލީޑަޝިޕް ޕޮޒިޝަނަށް އައުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން،" އެއާ ފްރާންސް ކޭއެލްއެމްގެ ސީއީއޯ ވިދާޅުވި އެވެ.

އެ ކުންފުނިން ނިންމާފައި ވަނީ، އާ އެއާލައިނުން 2020 ވަނަ އަހަރުގެ ކުރިން، ދިގު 10 ރޫޓެއް ކަނޑައަޅައި، އެ 10 ރޫޓުގެ ދަތުރުތައް ކުރަން ފެށުމެވެ.