ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްދިން ގަސްތަކެއްގެ ފައިސާ ލިބިފައިނުވާ މައްސަލައެއް، ހައި ކޯޓުގެ ހުކުމަކާ އެއްގޮތްވާ ގޮތުގެ މަތިން އަލުން ބެލުމަށްޓަކައި ސިވިލް ކޯޓުގައި ދެވަނަ ފަހަރަށް ދައުވާ ކޮށްފިއެވެ.

ގްލެޑޯނިއާ މޯލްޑިވްސްއިން ހިންގާ ފުށިވެލާވަރު ރިސޯޓަށް ށ. ފޯކައިދޫ، އައްސޭރި، އަހްމަދު އަޝްފާޤު ސަޕްލައި ކޮށްދިން ގަސްތަކެއްގެ ފައިސާ ނުލިބިގެން އޭނާ ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުގައި، ގްލެޑޯނިއާ މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ފުށިވެލާވަރު ރިސޯޓުން އެ ފައިސާ ދައްކަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، އެއްބަސްވުމެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ ވުޖޫދުގައި ވެސް ނެތް މައްސަލައެއް ކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.

އަޝްފާޤުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ހެކީންގެ ހެކކިބަހާއި ލިޔުންތަކަށް ރިއާޔަތް ކުރާއިރު އަޝްފާގު ސަޕްލައިކުރި ގަސްތަކެއް ގްލެޑޯނިއާ މޯލްޑިވސްއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް އެކުންފުނިން ދޭންޖެހޭ ފައިސާއާއި، ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލަކީ ދޭންޖެހޭ ބަދަލެއްތޯ ބަލައި، އެކަމާ މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށްޓަކައި އަލުން ސިވިލް ކޯޓަށް ހުށަހެޅުމުގެ ހައްގު އަޝްފާގަށް ލިބިގެންވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ަހައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް، އަޝްފާގު ވަނީ އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

އޭނާ ދައުވާ ކޮށްފައިވަނީ ގާތްގަނޑަކަށް 11.6 މިލިޔަން ޑޮލަރު ހޯދުމަށެވެ.

އެއީ އޭނާ ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްދިން ގަސްތަކުގެ އަގަށް 1،528،500 ޑޮލަރާއި، އޭނާއަށް އެ ފައިސާ ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 10،050،199.599 ޑޮލަރާއި އެކު ޖުމްލަ 11،578،499.566 ޑޮލަރު ހޯދުމަށެވެ.

މި މައްސަލައިގެ ދައުވާ ލިބޭ ފަރާތް ކަމުގައިވާ ގްލެޑޯނިއާ މޯލްޑިވްސް ކުންފުންޏަކީ ނ. އަތޮޅުގައި ދެ ރިސޯޓެއް ހިންގާ ކުންފުންޏެކެވެ. އެއީ ފުށިވެލާވަރު ރިސޯޓާއި ވެލާ ޕްރައިވެޓް އައިލެންޑެވެ.