ބައިރޫތު (ނޮވެމްބަރު 4) : ލުބްނާނުގެ ހުރިހާ ދީންތަކަކާއި މަޛްހަބްތަކެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދްމަތްކޮށްދެވޭ ފަދަ ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމް ހަވާލުކުރައްވާފައިވާ ސުންނީ ލީޑަރު ސަޢްދުލްހަރީރީ ވިދާޅުވެއްޖެ އެވެ.

ބައިރޫތުގައި ދެއްވި ބަޔާނެއްގައި ހަރީރީ ވިދާޅުވީ އޭނާގެ ބޮޑުވަޒީރުކަމުގައި ލުބްނާން މުޅިން އައު ދައުރަކަށް ވަންނާނެ ކަމަށާ އޭނާ އުފައްދަވާ ސަރުކާރުން އިސްކަންދޭނީ ތަރައްގީއާއި ކުރިއެރުމުގެ އިތުރުން ލުބްނާނުގެ ހުރިހާ ދީންތަކަކާއި މަޛްހަބްތަކެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދްމަތްކޮށްދިނުމަށް ކަމުގަ އެވެ.

ހަރީރީ އަކީ ކުރިން ވެސް ލުބްނާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅަކީ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު އަދި މަހުޖަނު ރަފީގް އަލް ހަރީރީއެވެ. ހަރީރީ ވަނީ ކާރުބޮމުގެ ހަމަލާއެއްގައި 2005 ވަނަ އަހަރު މަރާލާފަ އެވެ. ރަފީގް އަލް ހަރީރީއަކީ ލުބްނާނުގެ ރައްޔިތެއް ނަމަވެސް އޭނާއަކީ ސައޫދީ އަރަބިޔާގައި ދިގުމުއްދަތަކަށް ދިރިއުޅުއްވުމުގެ ސަބަބުން ސައޫދީ ރައްޔިތުކަން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ލުބްނާނުގެ އައު ރައީސް މިޝައިލް އަވްނު، އެގައުމުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ސައްދުލްހަރީރީ އާ ހަވާލުކުރެއްވުމުން، ޙަރީރީ ގެންދަވަނީ އެކަމާބެހޭ ގޮތުން ލުބްނާނުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. މިޝައިލް އަވްނު ލުބްނާނުގެ ރައީސް ކަމަށް އިންތިޚާބުވީ ހަރީރީގެ މުސްތަގްބަލް ޕާޓީގެ ތާއީދު ލިބިގެންނެވެ. އެހެންކަމުން އަވްނުގެ ރިޔާސަތުގައި އެކުލަވާލެވޭ ލުބްނާނުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ވެސް އޭނާ އިޚްތިޔާރު ކުރެއްވީ ހަރީރީއެވެ.

އަވްނަކީ އީރާނުގެ ތާއީދު ލިބިފައިވާ ލުބްނާނުގެ ބާރުގަދަ އަސްކަރީ އަދި ސިޔާސީ ޖަމާއަތް ކަމަށްވާ ހިޒްބުﷲ ގެ ސިޔާސީ ބައިވެރިއެކެވެ. ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ލުބާނުގެ ރައީސްކަމަށް އަވްނު އިންތިޚާބު ކުރުމަށް ހިޒްބުﷲ އިން ކުރި މަސައްކަތް ކާމިޔާބުނުވީ ސައޫދީ އަރަބިޔާގެ ތާއީދު ލިބިފައިވާ ހަރީރީ އާއި އޭނާގެ ޕާޓީގެ ތާއީދު އެކަމަށް ނުލިބުމުގެ ސަބަބުންނެވެ.

ނަމަވެސް ދެ އަހަރަށް ފަހު މިދިޔަ ހަފްތާގައި ހަރީރީ ލުބްނާނުގެ މަސްލަހަތު އިސްކުރައްވައި (ސައޫދީ އަރަބިޔާއާ ދުރަށްޖެހިވަޑައިގެން) ލުބްނާނުގެ ރައީސްކަމަށް މިޝައިލް އަވްނު އިންތިޚާބު ކުރުމަށް ތާއީދުކުރެއްވުމުން އޭނާގެ ޕާޓީގެ އެހީތެރިކަމާ އެކު އަވްނުވަނީ ލުބްނާނުގެ ރައީސްކަމުގެ މަގާމަށް މިދިޔަ ހަފްތާގައި އިންތިޚާބުވެ ވަޑައިގެންފައެވެ.

ލުބްނާނުގައި އީރާނުގެ ބާރު ގަދަވާކަމަށްބުނެ ސައޫދީ ސަރުކާރުން މި އަހަރު ކުރީކޮޅުވަނީ ލުބްނާނަށް ޒަމާނުއްސުރެ ދެމުންގެންދިޔަ އަސްކަރީ އެހީތައް ވެސް ކަނޑާލާފަ އެވެ. މިއީ ކޮންމެ އަހަރަކުވެސް ސައޫދީ ސަރުކާރުން ލުބްނާނަށްދޭ ހަތްސަތޭކަ ވަރަކަށް މިލިޔަން ޑޮލަރުގެ އެހީއެކެވެ. މިއެހީ ދެމުންގެންދިޔައިރު ވެސް ލުބްނާނުގައި އީރާނުގެ ބާރުގަދަވެ ސައޫދީ ގެ ބާރު ހީނަރުވެގެންގޮސްފައިވެ އެވެ. އަދި ލުބްނާނުގެ ސުންނީ ލީޑަރުންގެ ތެރެއިން ސައޫދީގެ ތާއީދު އެންމެ ބޮޑަށް ލިބިފައިވާ ހަރީރީވެސް މިހާރު މިވަނީ ހިޒްބުﷲ އާ ގުޅިގެން މަސައްކަތް ކުރައްވައި ލުބްނާނުގެ ގައުމީ މަސްލަހަތައިގެން ކުރިޔަށް ވަޑައިގަތުމަށް ނިންމަވާފައެވެ.

ލުބްނާނުގެ ދަސްތޫރުގައިވާ ގޮތުން އެގައުމަކީ ބަރުލަމާނީ ނިޒާމުގެ (ބޮޑުވަޒީރަކު ވެރިކަން ކުރައްވާ) ގައުމެކެވެ. ވެރިކަމުގެ ގިނަ ބާރުތައް ބޮޑުވަޒީރުގެ އަތްޕުޅުގައި އޮތްނަމަވެސް ލުބްނާނުގެ އެންމެ އިސް ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ދެވަނައަށް އިސް ފަރާތަކީ ބޮޑުވަޒީރެވެ. ތިންވަނައަށް ޕާލަމެންޓްގެ ރައީސް އެވެ. މިތިން ވެރިންގެ ތެރެއިން ސަރުކާރުގެ ވެރިއަކީ އަދި ގައުމު ހިންގާ ވެރިއަކީ ވެސް ބޮޑުވަޒީރެވެ. ރައީސަކީ ޝަރަފީ މަގާމެކެވެ. ލުބްނާނުގެ ދަސްތޫރުގައިވާ ގޮތުން ރައީސަކަށް އިންތިޚާބު ކުރެވޭނީ މެރޮނައިޓް މަޛްހަބުގެ ނަސާރާއެކެވެ. ބޮޑުވަޒީރަކަށް ސުންނީ މުސްލިމެކެވެ. ޕާލަމެންޓްގެ ރައީސަކަށް ޝިޔައީ މުސްލިމެކެވެ.

ލުބްނާނުގެ އާބާދީގައި ގިނައީ ސުންނީ މުސްލިމުންނެވެ. ދެން ނަސާރާއިންނެވެ. ދެން ޝިޔައީ މުސްލިމުންނެވެ. ހަރީރީ މަސައްކަތް ކުރައްވަނީ އޭނާގެ ސަރުކާރުގައި ލުބްނާނުގެ ވާދަވެރި ހުރިހާ ޕާޓީތަކެއް ވެސް ބައިވެރި ކޮށްގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. މިގޮތުން އޭނާ އެކުލަވާލާ ވަޒީރުންގެ މަޖިލީހުގައި ނަސާރާއިންނާއި މުސްލިމުންގެ ތެރެއިން ސުންނީންނާއި ޝިޔައީންގެ އިތުރުން ދުރުޒީންވެސް ބައިވެރި ކުރުމަށްވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)