އައްޑޫ ސިޓީގެ ހުޅުމީދޫގައި ބިދޭސީ ޓީޗަރުންތަކެއް ދިރިއުޅޭ ގެއަކުން ވަގަށް ނެގި ގިނަ 5،900 ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ހޯދައި، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އޮކްޓޫބަރު 31 ވަނަ ދުވަހު ހުޅުމީދޫގެ ގެއަކުން 5،900 ޑޮލަރު ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މައްސަލަ އައްޑޫގެ އިންޓެލިޖެންސްގެ އިތުރުން ހުޅުމީދޫ ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފެށި ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ގެއްލުނު 5،900 ޑޮލަރުގެ ތެރެއިން 5،740 ޑޮލަރު އިއްޔެ ހޯދާފައިވާ ކަމަށާއި، އަނބުރާ ނުލިބި މިހާރު ވަނީ 160 ޑޮލަރު ކަމަށެވެ.

މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.