04 Nov 2016, 19:02
ނިއުދިއްލީ (ނޮވެމްބަރު 4) : އިންޑިއާގައި ޝަރުޢީ ހުކުމެއްގެ ބޭރުން މުސްލިމް 8 ގައިދީއަކު މަރާލުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުގެ ފާޑުކިޔުންތައް އިންޑިއާއަށް އަމާޒުވެއްޖެ އެވެ.
މިކަމާމެދު ކަންބޮޑުވާކަން ހާމަކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަދްޔާ ޕްރަދޭޝްގެ ޖަލަކުން ފިލި މުސްލިމް 8 ގައިދީއެއްގެ ގަޔަށް އެ ސްޓޭޓްގެ ފުލުހުން ބަޑިޖަހައި މަރާލީ ބަޑިނުޖަހައި އެމީހުން ހައްޔަރުކުރުމުގެ ފުރްސަތު އޮއްވައި ކަމަށާ މިއީ ދީނީ ނަފްރަތުކަމެއްގެ ތެރެއިން ހިންގި ޖަރީމާއެއް ކަމުގައެވެ. އެ 8 މީހުން ޖަލުން ފިލީ ވެސް އެމީހުންނަށް ލިބޭ އަނިޔާތަކަށް ކެތްނުކުރެވިގެންކަން ވެސް އެމްނެސްޓީން ފާހަގަކޮށްފައިވެ އެވެ.
އެމްނެސްޓީގެ މިތުހުމަތުތަކަށް މަދްޔާ ޕްރަދޭޝްގެ ފުލުހުންވަނީ ދެކޮޅު ހަދާފަ އެވެ. އެސްޓޭޓްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމް 8 ގައިދީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޯޕާލްގެ ޖަލަކުންފިލީ ޖަލުގެ ގާޑުންނަށް ތިބި މީހުންގެ ތެރެއިން މީހެއްގެ ގަޔަށް ވަޅިޖަހައި މަރާލާފައި ކަމަށާ އެމީހުން އަތުލުމަށް ޓަކައި ބަޑީގެ ބޭނުން ކުރަންޖެހުނީ އެމީހުން ވެސް ބަޑީގެ ބޭނުންކުރުމުން ދިފާއުގައި ކަމުގަ އެވެ. ނަމަވެސް ފިލައިގެން އުޅުނު ގައިދީންނަށް ބަޑި ލިބުނު ގޮތެއް ފުލުހުން ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބަޑި ލިބުނުގޮތް ތަހްގީގް ކުރުމަށާއި ގައިދީންގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލަވެސް ތަހްގީގް ކުރަން މަދްޔާ ޕްރަދޭޝްގެ ފުލުހުންވަނީ ދެކޮޅު ހަދާފަ އެވެ.
މަދްޔާ ޕްރަދޭޝްގެ ގިނަ ނޫސްތައްވެސް ވަނީ ގައިދީންގެ ގަޔަށް އެސްޓޭޓްގެ ފުހުލުން ބަޑިޖަހައި މަރާލިކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ގައިދީންގެ އަތުގައި ބަޑިހުރިކަން ދައްކަންވެގެން އެމީހުންގެ މަރުވެފައިވާ ހަށިތަކުގެ ކައިރީގައި ފުލުހުން ބަޑި ބެހެއްޓި ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަނެއްކޮޅުން ގައިދީންގެ އަތުގައި ބަޑިހުރިކަމަށް ބުނެވޭ މައްސަލާގައި މަދްޔާ ޕްރަދޭޝްގެ ފުލުހުންވަނީ ދެފަހަރު ދެގޮތަށް ބަޔާން ވެސް ނެރެފަ އެވެ. ފުލުހުންގެ އިދާރާއިން ނެރުނު ފުރަތަމަ ބަޔާނުގައި ގައިދީންގެ އަތުގައި ހުރީ ހަމައެކަނި ވަޅިކަމަށް ބުނެފައިވާއިރު ދެވަނަ ބަޔާނުގައި ވަޅީގެ އިތުރުން ބަޑި ހުރިކަމަށްވެސް ބުނެފައިވެ އެވެ.
ފިލައިގެން އުޅުނު މުސްލިމް ގައިދީން މަރާލުމުގެ ކުރިން މަދްޔާ ޕްރަދޭޝްގެ ފުލުހުން އެމީހުންނާ ދެއްކި ވާހަކަތަކުގެ އޯޑިޔޯ ކްލިޕެއް ލީކުވެފައިވާ އިރު އެއިން އެމީހުންގެ ގަޔަށް ބަޑިޖަހައިގެން ވެސް މަރާލާނެކަމުގެ އިންޒާރު ފުލުހުން ދީފައިވެ އެވެ.
އޭގެ ރައްދުގައި ފުލުހުންގެ ގަޔަށް ބަޑިޖަހާނެ ކަމުގެ އިންޒާރެއް ގައިދީން ދީފައެއް ނުވެ އެވެ. މިމައްސަލާގައި އިންޑިއާގައި ހުންނަވާ އެމްނެސްޓީގެ ޑައިރެކްޓަރ ތަރާ ރާއޮ ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އަދި މިމުޅި މައްސަލަ ތަހްގީގް ކުރުމަށްވެސް އޭނާ އިންޑިޔާގެ މައިސަރުކާރަށްވަނީ ގޮވާލާފައެވެ. ނަމަވެސް މަދްޔާ ޕްރަދޭޝްގެ ފުލުހުންވަނީ މިމައްސަލަ މިހާރު ނިމިފައިވާ ކަމަށް ބުނެފައެވެ.
ބޯޕާލްގެ ޖަލުން ފިލިކަމަށްވަނީ އިންޑިޔާގައި މަނާކޮށްފައިވާ ޖަމްއިއްޔާ އެއްކަމަށްވާ އިންޑިޔަން މުސްލިމް ސްޓޫޑެންޓްސް މޫމެންޓަށް ނިސްބަތްވާ މުސްލިމް 8 ޒުވާނުންނެވެ. (ޖާމަން ނިއުސް ސާވިސް)