04 Nov 2016, 18:08
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގަވަރުނަރު ކީރިތި ޤުރުއާނަށް ބޭއަދަބީ ބަސްތަކެއް ރައްދުކުރި ކަމަށް ބުނެ، އޭނާއާ ދެކޮޅާށް ޖަކާޓާގައި މުޒާހަރާކޮށްފިއެވެ.
ޖަކާޓާގެ ގަވަރުނަރު ބާސުކީ ޕޫރްނަމާއަކީ ޖަކާޓާގެ ގަވަރުނަރުކަން ކުރާ ފުރަތަމަ ނަސާރާއެވެ. އޭނާ ޖަކާޓާގެ ގަވަރުނަރުކަމަށް އައީ، އެމަގާމުގައި ކުރިން ހުންނެވި ޖޯކޯ ވިޑޯޑޯ، އިންޑޮނޭޝިއާގެ ރައީސްގެ މަގާމަށް 2014 ވަނަ އަހަރު އިންތިޚާބުވުމާ އެކުގައެވެ. ޕޫރްނަމާ އޭރު ހުރީ ވިޑޯޑޯގެ ނައިބުގެ މަގާމުގައެވެ.
ޖަކާޓާގެ އާބާދީ 30 މިލިޔަނަށް ވުރެ ބޮޑު އިރު، އޭގެ ތެރެއިން 85 ޕަސަންޓަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ.
މުސްލިމު ބޮޑު އާބާދީއެއް އޮންނަ ސިޓީއެއްގެ ގަވަރުނަރުކަން ނަސާރާއަކު ކުރަމުން އަންނާތީ، ޖަކާޓާގެ މުސްލިމުން މީގެ ކުރިންވެސް ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް އުފެދުމަށް މެދުވެރިވީ، ކީރިތި ޤުރުއާނުގެ އާޔަތެއް "ނަހަމަގޮތުގައި ބޭނުންކުރަނީ" ކަމަށް އޭނާ ބުނުމުންނެވެ. މި މައްސަލަ އުފެދުނީ، ޕޫރްނަމާ ޖަކާޓާގެ ގަވަރުނަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި، ކެމްޕޭން ފައްޓަވާފައި
ޖަކާޓާގެ މުސްލިމުން ބުނަމުން އައީ، ޣައިރު މުސްލިމެއްގެ ވެރިކަމުގައި މުސްލިމުން އުޅުމަކީ ހަރާމް ކަމެއް ކަމަށް ކީރިތި ޤުރުއާނުގައިވާ ކަމަށެވެ. އެ މީހުން ދަލީލުގެ ގޮތުގައި ދައްކަނީ އަލް މާއިދާ ސޫރަތުގެ 51 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ، ޔަހޫދީންނާއި ނަސާރާއިންނަކީ އެކުވެރިންކަމުގައި މުސްލިމުން ނުނެގުމަށް ގޮވާލައްވައިފައެވެ. އަދި ޔަހޫދީންނާއި ނަސާރާއިންނަކީ އެކުވެރީންކަމުގައި ދެކެފި މީހަކީ އެބައެއްގެ ތެރެއިންވާ މީހެއް ކަމަށް ވެސް އެ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
ޕޫރްނަމާ ވިދާޅުވަމުން ދިޔައީ، ކީރިތި ޤުރުއާން ބޭނުންކޮށްގެން ބަޔަކު ރައްޔިތުންނަށް އޮޅުވާލަނީ ކަމަށެވެ. އޭނާ މިހެން ވިދާޅުވުމުން ޖަކާޓާގެ ރައްޔިތުން އެކަން ބަލައިގަތީ، ގަވަރުނަރު ކީރިތި ޤުރުއާނާ މެދު ބޭއަދަބީ ވާހަކަ ދެއްކުމުގެ ގޮތުގައެވެ. އަދި އޭނާއާ ދެކޮޅަށް މިއަދު ޖަކާޓާގައި ބޭއްވި މުޒާހަރާގައި، 18،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު، އޭނާ ހައްޔަރުކޮށް ދައުވާ ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.
ޗައިނާ ނަސްލުގެ ޕޫރްނަމާއާ މެދު ޖަކާޓާގެ ރައްޔިތުން ހިތްހަމަނުޖެހިފައިވާ އިރު، އެ ރުޅިވެރިކަން އިންޑޮނޭޝިއާގައި ދިރިއުޅޭ ޗައިނާ ނަސްލުގެ މީހުންނަށް ވެސް ދަނީ ފޯރުވަމުންނެވެ.