ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށްޓަކައި، ވެރީންނާއި ރައްޔިތުންނާ ދެމެދު އަޚުވަންތަކަމުގެ ގުޅުމެއް ގާއިމުކުރެވިފައި އޮންނަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާވެފައި އޮތީ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މައްޗަށެވެ. އެ ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަމަކީ ގާތްތިމާގެކަމާއި ލޭގެ ގުޅުމަށްވުރެ ވެސް މާ މަތިވެރި، މާ ގާތް ގުޅުމެއް ކަމަށެވެ. އަދި މުސްލިމުން ދިރިއުޅޭ މުޖުތަމައަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އުޚުއްވަތްތެރި، އެއްބައިވަންތަ އުންމަތެއް އޮތުން ކަމަށް ޚުތުބާގައި ބުނެއެވެ.

އެ ޚުތުބާގައި ބުނީ، އެ ގުޅުން ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމް ކުރަންޖެހޭ އިރު، ވެރީންނާ ރައްޔިތުންނާ ދެމެދު ވެސް އުޚުއްވަތްތެރިކަމުގެ ގުޅުން އޮންނަން ޖެހޭ ކަމަށެވެ. އަދި އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ވެރީންނަށް ރައްޔިތުން ކިޔަމަންތެރިކަން އަދާކުރަންޖެހޭ ކަމަށް ބުނެއެވެ.

އެހެން ނަމަވެސް އިސްލާމީ މުޖުތަމައެއްގައި އުޅޭއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އަމިއްލަ މަސްލަހަތު އިސްކުރުމަށް ވުރެ ބޮޑަށް މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކުރެވޭނީ މުޖުތަމައުގެ އަފުރާދުންގެ ހައްގުތައް ރައްކާތެރިކުރެވިގެން ކަމަށް ޚުތުބާގައި ބުނެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަށް ލިބިފައިވާ ހުރިހަ ނަސްރެއްގެ އަސްލަކީ އެއްބައިވަންތަކަން ކަމަށާއި، އެކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު މުސްލިމު އުންމަތް ބަލިކަށިވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމަކީ މުސްލިމުންގެ ކިބައިން ކުދި ފާފަތައް ފުހެވިގެންދާ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ މުސްލިމުން ކަމުގައިވުން ކަމަށާއި އެއީ ރާއްޖޭގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސު ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އަދި ގައުމީ ވަހުދަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ގައުމުގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ލާޒިމުކަމެއް ކަމަށް ޚުތުބާގައި ބުނެއެވެ.