13 Jun 2011, 09:27
ދެ ހާސް އަށާރަ ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ނެރޭނެ ކެނޑިޑޭޓަކު ހޯދައި 2013 ރައީސްކަމަށް ކުރިމަތިލައްވާ ފަރާތްތައް ދިރާސާކުރުމުގެ މަސައްކަތް ސަލަފު ޖަމިއްޔާއިން ފަށައިފި ކަމަށް ކަމަށް އެ ޖަމިއްޔާއިން ބުނެ، ބަޔާނެއް ނެރެފި އެވެ.
ސަލަފުން ނެރުނު ނޫސް ބަޔާނުގައި ބުނަނީ 2013އިގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވައިފާނެކަމުގައި ބެލެވޭ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ނެރެން ވިސްނާ ބޭބޭފުޅުން އެ ޖަމިއްޔާ އިން ހޯދައި ދިރާސާކުރަން ފަށާކަން އިއުލާން ކުރާ ކަމަށެވެ. އެބަޔާނުގައި އަދި ބުނަނީ އަންނަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިސްލާމްދީނާއި ރާއްޖެ އަށް ވަފާތެރި، އިސްލާމީ ޝަޚްޞިއްޔަތާއި ކަރާމާތް ހިފަހައްޓާނެ ކެންޑިޑޭޓަކު ހުރިތާކުން ހޯދައި، ރައްޔިތުންގެ ކުރިމައްޗަށް ހާމަކޮށް، ދައްކައިދިނުމުގެ ވިސްނުމުގައި އެކަން މުޅި ރާއްޖެ އަށް އިޢުލާން ކުރާ ކަމަށެވެ.
"... ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިޚާބަށް ޓަކައި އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ވަފާތެރި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ކަރާމާތް ހިފަހައްޓާން ކެރޭ، ލަފާދާރު، ޤާބިލް، ތެދުވެރި ދިވެހި ދަރިއަކު މާތް ﷲ ތައުފީޤާ އެކު ހުރިތާކުން ހޯދައި، ރައްޔިތުންގެ ކުރިމައްޗަށް މާތްﷲގެ ވާގިފުޅާއެކު ހާމަކޮށް، ދައްކައިދިނުމުގެ ވިސްނުމުގައި؛ ދީނީ، އަދި އިޖްތިމާޢީ ރޮނގުތަކުގައި ޙަރަކާތްތެރިވާ މަދަނީޖަމްޢިއްޔާއެއްގެ ޙައިސިއްޔަތުން ޖަމްޢިއްޔަތުއްސަލަފުން މަސައްކަތްކުރުމަށް ޤަޞްދުކޮށް؛ އެކަން މިއަދުން ފެށިގެން މުޅިރާއްޖެ އަށް އިޢުލާން ކުރާޙާލު، ކެއްތެރިކަމާ އެކު ތިބުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތިރައްޔިތުންނަށް އިލްތިމާސްކުރަމެވެ." ސަލަފުގެ ބަޔާނުގައިވެ އެވެ.
އަދި ވެސް އެ ބަޔާނުގައި ލިޔެފައިވެ އެވެ: "... ހެޔޮލަފާ ޤާބިލު ފަރާތްތަކާ އެކު ޤައުމުގެ ޙާލަތާ މެދު މަޝްވާރާކޮށް؛ ރިޔާސީ ލަގަނުގައި ހިއްޕެވޭނެ ފަދަ ދިވެހި ދަރީން ދެނެގަނެ، އެ ވަގުތަކަށް ޤައުމުގެ ޙާލަތާއި މަޞްލަޙަތު ނިޔާކުރާގޮތެއްގެ މައްޗަށް ބަލައި އެފަދަ މީހުން ރައްޔިތުންނަށް އެނގި ފެންނާނެހެން ނެރެ ދެއްކުމުގެ މަސައްކަތްކުރަން ފަށާވާހަކަ ޖަމްޢިއްޔަތުއްސަލަފުން މިއަދު އިޢުލާން ކުރަމެވެ،"
ސަލަފުގެ ބަޔާނުގައި ރާއްޖޭގެ ދީނާއި ސިޔާސަތާއި އިސްލާމީ ތަޞައްވުރު ފޭރިގަނެ، ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނުގައި ހުރި އިސްލާމީ ތަރަޙަތައް ބަދަލުކޮށް ރާއްޖެ ސުންނާފަތިކޮށްލުމަށް ބަޔަކު މީހުން ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށާއި އެކަންކަން ހާމަވެ ފާޅުވަމުން ދާއިރު ވެސް، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑު ޙިމާޔަތެއް ލިބިފައިތިބީ އެހެން ބައެއް ތިބުމަކީ ދިވެހި ރައްޔިތުން ބަރުދާސްތު ކުރާނޭކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބުނަނީ ސިޔާސީ ޕާޓީތަކުން ވި ވައުދުތަކަކީ ހަމައެކަނި އިންތިޚާބުތަކާއި ކެމްޕޭނުތަކުގެ ފަރިހިތަކެއް ކަމަށާއި ރާއްޖެ އަމާންކަމުގެ އައްސޭރިއަކަށް މިޞްރާބުކުރަން ސިޔާސީ ފަރާތްތަކާއި ޑިމޮކްރަސީ އާއި، ލާދީނީ އެންމެހާ ނިޒާމަކަށް ނުކުޅެދިފައިވާކަން ރައްޔިތުންގެ ލޯ މައްޗަށް ހާމަވެފައިވާ ކަމަށެވެ.