04 Nov 2016, 14:48
އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އިންޑިއާގައި މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް ނެގޭނެ ރޭޓުތައް ކަނޑައަޅައި، އެކަން އިއުލާން ކޮށްފިއެވެ.
މިއީ އާލަމީ ގޮތެއްގައި އިންޑިއާގައި ޓެކްސްއެއް ނަގާ ފުރަތަމަ ފަހަރެވެ.
މިހާރު އިންޑިއާގައި ޓެކްސް ނިޒާމު އޮތް ގޮތުން، އިންޑިއާގެ މަރުކަޒީ ސަރުކާރާއި ސްޓޭޓުތަކުގެ ލާމަރުކަޒީ ސަރުކާރުތަކުގައި އެކިއެކި ޓެކްސްތައް ނަގައެވެ. އެހެން ނަމަވެސް މިއަދު ފާސްކުރި ޖީއެސްޓީ ގާނޫނު ތަންފީޒު ކުރަން ފެށުމުން، މިހާރު ސްޓޭޓުތަކާއި އިންޑިއާގެ ފެޑެރަލް ސަރުކާރުން ނަގާ 17 ޓެކްސްއެއް އުވިގެން ދާނެއެވެ. އޮނަތިރީސް ސްޓޭޓު ހިމެނޭ އިންޑިއާގައި ވަކި ސްޓޭޓެއްގައި ވަކި ވަރަކަށް ޓެކްސް ނެގުން ފަދަ ބޭއިންސާފު ޕްރެކްޓިސްތައް ހުއްޓި، ހުރިހާ ރައްޔިތުންގެ އަތުން ވެސް އެއްވަރަކަށް ޓެކްސް ނެގެން ފެށޭނެއެވެ.
އިންޑިއާއަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކުރެވޭ އެންމެ ބޮޑު ޓެކްސް ރިފޯމަކީ މިއީއެވެ.
މި ރިފޯމު ކުރުމަށްޓަކައި އިންޑިއާގެ ސަރުކާރުން ވަނީ، ޖީއެސްޓީ ކައުންސިލްގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދައި، ޖީއެސްޓީ ނެގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ރޭވުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައެވެ. އެ ކައުންސިލްގައި ހިމެނެނީ އިންޑިއާގެ ޔޫނިއަން ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީއާއި، އިންޑިއާގެ ސްޓޭޓުތަކުގެ ފިނެންސް މިނިސްޓަރުންނެވެ.
އެ ކައުންސިލުން ނިންމާފައިވަނީ، ހަތަރު ރޭޓެއްގައި މުދަލުން ޖީއެސްޓީ ނެގުމަށޭވެ. އެއީ ފަސް ޕަސަންޓު، 12 ޕަސަންޓު، 18 ޕަސަންޓު އަދި 28 ފަސަންޓެވެ. މީގެ ތެރެއިން ކާބޯތަކެއްޗާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި ޓެކްސް ކުރެވޭނީ ފަސް ޕަސަންޓުންނެވެ. އަދި ލަގްޒަރީ އައިޓެމްސްއާއި ބަނގުރަލާއި ދުންފަތުގެ ބާވަތްތައް ފަދަ ތަކެތި ޓެކްސް ކުރެވޭނީ 28 ޕަސަންޓުން ކަމަށް ބެލެވެއެވެ.
ފިނޭންސް މިނިސްޓަރު ޖައިތުލީ ވިދާޅުވެފައިވާ ގޮތުން، އިންފްލޭޝަން ރޭޓު ބެލުމަށް ހަދާ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގައި ހިމެނޭ މުދަލުގެ ބާވަތްތަކުގެ ދެބައިކުޅަ އެއްބައި އެއްވެސް ގޮތަކަށް ޓެކްސް ނުކުރެވޭނެއެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ފަގީރުން ޓެކްސްއިން ހިމާޔަތް ކުރުމެވެ.
މީގެ އިތުރުން، ޚިދުމަތްތަކުގެ ޓެކްސް އުޅޭނީ 15 ޕަސަންޓާއި 18 ޕަސަންޓާ ދެމެދުގައެވެ.
ޖީއެސްޓީ ކައުންސިލުން ކަނޑައަޅާފައިވާ މި ރޭޓުތަކުން ޓެކްސް ކުރަން ފެށުމުގެ ކުރިން، އެކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދޭންޖެހެއެވެ. ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ލޮކް ސަބާގެ ޖަލްސާތައް އަލުން ފަށާ އިރު، މި ރޭޓުތަކާ މެދު ގޮތެއް ނިންމާނެއެވެ.
މުޅި އިންޑިއާގައި އާލަމީ ޓެކްސްއެއް އެއްވަރަކަށް ނަގަން ފެށުން ވެގެން ދާނީ ވިޔަފާރި ކުންފުނިތަކަށް ލިބޭ ފަސޭހައަކަށެވެ. މިހާރު އޮތް ގޮތުން ކުންފުނިތައް ޖެހެނީ އެކި ސްޓޭޓުތަކުގައި އޮންނަ ޓެކްސް ގާނޫނުތަކަށް އަހުލުވެރިވެ ހެދުމެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އޭޕްރިލް މަސް ފެށުމާ އެކު، ހުރިހާ ފަރާތަކުންވެސް އަމަލުކުރަންޖެހޭނީ އެއް ޓެކްސްއަކަށެވެ.
އިންޑިއާގައި ޖީއެސްޓީ ނަގަން ފެށުމުން އިންޑިއާގެ އެކިއެކި ސްޓޭޓުތަކުގެ ދެމެދުގައި ދަތުރުފަތުރުގެ އަގު ހެޔޮވެގެން ދާނެއެވެ. ބައެއް ސްޓޭޓުތަކުގެ ބޯޑަރުތަކުގައި ޗެކްޕޮއިންޓު ބަހައްޓައި، ސްޓޭޓަށް ވަނުމަށް ވަކި ވަރަކަށް ފައިސާ ދައްކަން ޖެހޭ ޖެހުން ވެސް ނިމުމަކަށް އަންނާނެއެވެ.