އިނގިރޭސި ވިލާތަށް ވިލާތުގެ އިއްތިހާދުން ވަކިވެވޭނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަން ފާސްކުރުމުން ކަމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން ނިންމައިފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ގެންދަވަނީ، ވިލާތުގެ އިއްތިހާދުން އެގައުމު ވަކިވުމަށްޓަކައި ކުރަންޖެހޭ ކަންކަން އަވަހަށް ފެށުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް ހައި ކޯޓުގެ މި ނިންމުމާ އެކު، ތެރީސާގެ ޕްލޭންތަކަށް އެޅޭ ހުރަހަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލީހުން ވަކި ގޮތަކަށް ނިންމުން ލަސްކޮށްފި ނަމަ ވިލާޓުގެ އިއްތިހާދުން ވަކިވުން ވެސް ލަސްވާނެއެވެ.

މީގެ އިތުރުން، ވިލާތުގެ އިއްތިހާދުން ވަކިވުމަށް ވަކާލާތުކުރި، ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު އެ ނިންމުމާ މެދު ހިތާމަ ކުރަމުންދާ އިރު، އީޔޫއިން ވަކިވުމަށް ޔޫކޭ ޕާލަމެންޓުން ދެކޮޅު ހަދައިފި ނަމަ އެކަން މުޅިން ނިމިގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން އޮތީ "ބްރެގްޒިޓް" ކުރިޔަށް ގެންދިއުމަށް ތައްޔާރަށެވެ. އަދި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ޑިސެމްބަރު މަހު ސުޕްރީމް ކޯޓުގައި ކުރިޔަށް ދާނެއެވެ.

ބްރެގްޒިޓުގެ ކަންކަން ކުރުމަށްޓަކައި ޕާލަމެންޓުގެ އެޕްރޫވަލް ހޯދަން ޖެހޭ ކަމަށް ހައި ކޯޓުން ނިންމައި، އެގޮތަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފި ނަމަ، ޕާލަމެންޓުގެ ތާއީދު އެކަމަށް ނުލިބޭނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ، ކޮންޒަވޭޓިވް ޕާޓީ ތަމްސީލުކުރާ މަޖިލީސް މެމްބަރުންގެ ތެރެއިންވެސް، ތެރީސާއަށް ތާއީދުކުރާ މެމްބަރުންގެ އަދަދު މަދުކަމުންނެވެ.

އެހެންކަމުން، ބްރެގްޒިޓްގެ ކަންކަން ކުރުމަށް މަޖިލީހުން ބޭނުންވާ ހުއްދަ ނެގުމަށްޓަކައި މެޖޯރިޓީ ހޯދުމުގެ މަގްސަދުގައި، ގާނޫނު ހަދާ މަޖިލީސް ތެރީސާ އުވާލައި، އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބުކުރުމަށް އިންތިޚާބެއް ބާއްވާފާނެ ކަމަށް ވެސް އެނެލިސްޓުން ދަނީ ބުނަމުންނެވެ.