ޔޫރޮޕާ ލީގުގައި ތުރުކީގެ ފެނަބާޗޭ އަތުން ބަލިވެ، 'ގްރޫޕް އޭ'ގެ ތިން ވަނައަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ވެއްޓިއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ފެނެބާޗޭއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު 'ގްރޫޕް އޭ'ގެ ތިން ވަނައިގައި ޔުުނައިޓެޑް އޮތް އިރު، އެއް ވަނައިގައި އޮތް ފެނެބާޗޭ އާއި ދެ ވަނައިގައި އޮތް ނެދަލެންޑްސްގެ ފެޔަނޫޑް އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ޔުނައިޓެޑްގެ ފަހަތުން ގްރޫޕްގެ ފުލުގައި އޮތް ޔޫކްރޭންގެ ޒޯރްޔާ އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި ފެނަބާޗޭ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފެނަބާޗޭ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ފެނަބާޗޭ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ހަސަން އަލީ ކަލްޑިރިމް ނަގައިދިން ހުރަހަކުން ފެނަބާޗޭ އަށް ލީޑު ހޯދައިދިނީ މޫސާ ސޯ އެވެ. ސެނަގޯލް ފޯވަޑް ސޯ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ އޭނާ އުފެއްދި އޯވާހެޑް ހަމަލާއަކުންނެވެ.

ފެނަބާޗޭ އިން ލީޑު ހޯދުމާއެކު ޔުނައިޓެޑުން ކުޅުން ވަރުގަދަ ކުރިތަން ފެނިގެންދިޔަ އެވެ. ނަމަވެސް އެ ޓިމަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 29 ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަނިޔާވުމާ ގުޅިގެންނެވެ. ޕޮގްބާ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ފެނަބާޗޭ ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގައި ފެނަބާޗޭ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފެނަބާޗޭ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ނުކުރެވި އުޅެނިކޮށް، ފެނަބާޗޭ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ކުރި ފައުލަކާ ގުޅިގެން ފެނަބާޗޭ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޖެރެމައިން ލެންސް އެވެ.

މެޗުގައި ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކުރެވިފައި ވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ އެވެ. ފެނަބާޗޭގެ ގޯލާ 25 ޔާޑު ދުރުން ރޫނީ އުފެއްދި އެ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.