04 Nov 2016, 11:14
އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގައި ތައުލީމު ހާސިލުކުރަމުން އަންނަ އަހްމަދު ނަބީހު ކިޔާފައިވާ މަދަހަތައް އެކުލެވޭ "އަހަރެންގެ ދަތުރު" މަދަހަ އަލްބަމް އިފްތިތާހު ކޮށްފިއެވެ.
އަހްމަދު ނަބީހުއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އެހެން ނަމަވެސް އޭނާއަކީ ދީނީ ކަންކަމަށާއި ޤުރުއާން ކިޔެވުމަށް ވަރަށް ހިތްޖެހިފައިވާ ކުއްޖެކެވެ.
ނަބީހު ކިޔާފައިވާ މަދަހަތައް ހިމެނޭ މަދަހަ އަލްބަމް "އަހަރެންގެ ދަތުރު" ލޯންޗުކޮށްދެއްވީ، ރޭ މޫކައި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
މި އަލްބަމް ލޯންޗު ކުރުމުގެ މަސައްކަތުގައި އެހީތެރިވެދީފައި ވަނީ ދަ މައުމޫން ފައުންޑޭޝަނާއި، މޯލްޑިވިއަން އައިޑަލްގެ ރަނަރއަޕް ޝަލަބީ އިބްރާހިމްގެ އިތުރުން ޑރ. ފަރުޒާނާއެވެ.
އަދި މީގެ އިތުރުން ނަބީހުގެ އާއިލާއިން ވެސް ވަނީ، އަލްބަމް ނެރުމުގެ މަސައްކަތުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ވަކިން ޚާއްސަކޮށް ނަބީހުގެ މައިންބަފައިން، އައިމިނަތު މުހައްމަދާއި އަބްދުލްގާދިރު ގާސިމް ފާހަގަކޮށްލެވެއެވެ.
ނޮވެމްބަރ 3، 2016: ނަބީހުގެ "އަހަރެންގެ ދަތުރު" މަދަހަ އަލްބަމް ލޯންޗުކުރުމަށް މޫކައި ހޮޓަލްގައި ބޭއްވި ހަފްލާގައި ނަބީހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަބީހުގެ އަލްބަމް ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ އަލްބަމް ލޯންޗުވެގެން ދިއުމަކީ ނަބީހަށް ވަރަށް މުހިންމު ކަމެއް ކަމުގައި އެނގިވަޑައިގެންފައިވާ ކަމަށާއި، މިއީ ނަބީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މި ސީޑީ ނެރުމަކީ، އަޅުގަނޑު ނަބީހާ ވާހަކަ ދައްކާލި އިރު، ނަބީހަށް ވަރަށް މުހިންމު ކަމެއް. ނަބީހު ވަރަށް މަސައްކަތްތަކެއް ކޮށްފައި މި ސީޑީ ނެރެން ވަރަށް އިންތިޒާރުގައި ހުންނަތާ ދުވަސްކޮޅެއް ވެސް ވެއްޖެ. އަޅުގަނޑު ވަރަށް އުފާކުރަން. ނަބީހަށް ވަރަށް ބޮޑު އެޗީވްމެންޓަކަށް ވާނެ ދެއްތޯ، މިހާ ފުރިހަމައަށް މަދަހަ ކިޔައި، ސީޑީއެއް ކޮމްޕައިލްވެގެން ނެރުނީމާ،" ދުންޔާ ވިދާޅުވިއެވެ.
ނަބީހުއަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް، އޭނާގެ އުމުރުގެ އެހެން ކުދީންނެކޭ ވެސް އެއްފަދައިން ހުނަރުތައް ތަރައްގީކޮށް، ކުރިއަރުވަމުންނެވެ. ނަބީހުއަކީ މަދަހަ ކިޔުމުގެ އިތުރުން ވަރަށް ރީތިކޮށް، ރާގަށް ކީރިތި ޤުރުއާން ވެސް ކިޔަވާ ކުއްޖެކެވެ. މަދަހަ އަލްބަމް ނެރުމަށް ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވީ ވެސް އޭނާއެވެ.
މީގެ އިތުރުން ނަބީހު މިހާރު ދަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަން ހޯދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.