04 Nov 2016, 01:24
ޕެނަލްޓީގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކަޓުވާލުމަށް ފަހު މި އަހަރު އަލަށް އެއްވަނަ ޑިވިޝަނަށް ކޮލުފައިވި ޔުނައިޓެޑް ވިކްޓަރީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދީ 3-2ގެ ނަތީޖާ އަކުންނެވެ.
އެފްއޭ ކަޕްގެ ސެމީގައި ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓަރީ މޮޅުވެފައި ވަނީ 3-2 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިރޭގެ މެޗު ފެށިގެން ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފްގައި ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ޔުނައިޓެޑް ވިކްޓްރީންނެވެ. އެގޮތުން އެޓީމްގެ ހުސެން ސިމާޒް (ކޮކީ) އާއި ބިދޭސީ ފޯވާޑް ވުކަބޯޓް ޑޯޑީއަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ މާޒިޔާއިންނެވެ. އެގޮތުން އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ގޯލުކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ ހުޝިޔާރު ކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
އެފްއޭ ކަޕްގެ ސެމީގައި ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓަރީ މޮޅުވެފައި ވަނީ 3-2 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާޒިޔާއަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހުމަދު ނާޝިދު (ނައްޓޭ) އަށެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ނައްޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފް ނިމެން ދަނިކޮށް ޔުނައިޓެޑް ވިކްޓަރީއަށް މައްސަލަތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 80 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި އެންމެ ރަނގަޅަށް ކުޅެމުންދިޔަ މިޑްފީލްޑަރު ރަފޭލް ބެޓިމް މާރޓް ދަނޑުން ފޮނުވާލުމުންނެވެ.
ނަމަވެސް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޔުނައިޓެޑް ވިކްޓްރީގެ ގޯލު ފޫއަޅުވާ ނުލެވެނީސް މެޗުގެ 89 ވަނަ މިނެޓްގައި މާޒިޔާގެ މުހައްމަދު އުމައިރަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވެ، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްވެސް ނިމުނީ އެއްވެސް ޓިމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
އެފްއޭ ކަޕްގެ ސެމީގައި ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓަރީ މޮޅުވެފައި ވަނީ 3-2 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޔުނައިޓެޑް ވިކްޓަރީގެ ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ ކެރިކް އާއި ޝިމާޒްގެ އިތުރުން ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ފޮނުވާލި ޕެނަލްޓީ އެވެ. ޑޯޑީ ފޮނުވާލި ޕެނަލްޓީ ގޯލު ކީޕަރު އިމްރާން މަތަކުރިއިރު އަލީ ހައިޝަމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މާޒިޔާގެ ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ ނައްޓޭ އާއި މުހައްމަދު އިރުފާން ފޮނުވާލި ދެ ޕެނަލްޓީ އެވެ. މޫސާ ޔާމިން ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒު ނުވެ ދަނޑިކައިރިން ބޭރަށް ދިޔައިރު، އަޝްއަދު އަލީ (އަޑުބަރޭ) އާއި ޒިވްކޯ ޑިނޭވް ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ސެމީ ފައިނަލްގެ މެޗުތައް އަންނަ އާދިއްތަ ދުވަހު ފެށޭއިރު އެރޭ ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސްގެ މެޗެވެ. މިރޭ މޮޅުވި ޔުނައިޓެޑް ވިކްޓަރީ ހޯމަ ދުވަހުގެ ރޭ ނިކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.