ތުރުކީގައި އިއްޔެ ބޭއްވުނު އެޤައުމުގެ ޢާންމު އިންތިޚާބު، ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޖަސްޓިސްޕާޓީ ކާމިޔާބު ކޮށްފިއެވެ. މިއީ ތުރުކީގެ ބަރުލަމާނީ އިންތިޚާބުގައި ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އެޕާޓީ އިންތިޚާބުވި ފަހަރެވެ.

މިއިންތިޚާބުގައި އުރުދުޣާންގެ ޖަސްޓިސް ޕާޓީއަށް 50.2 އިންސައްތަ ވޯޓު ލިބުނު އިރު އެޕާޓީއާ ވާދަކުރި ލާދީނީ އެންމެ ވަރުގަދަ ޕާޓީއަށްވެސް ލިބުނީ އެންމެ 25.9 އިންސައްތަ ވޯޓެވެ. އެއީ ރިޕަބްލިކަން ޕީޕަލްސް ޕާޓީއެވެ. މި ކާމިޔާބާގުޅިގެން ކޯލިޝަނަކާނުލާ ސަރުކާރެއް އެކުލަވާލުމުގެ ޤާނޫނީ ބާރު ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާނަށް ލިބިވަޑައިގަންނަވާނެއެވެ.

އިއްޔެ ހެނދުނުން ފެށިގެން ރޭ އިރުއޮއްސުމާ ހަމައަށް ކުރިޔަށްދިޔަ މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުންވަނީ ހާމަވެފައެވެ.

މިއިންތިޚާބުގައި އިއްޔެ ހަވީރު ވޯޓުލެއްވުމަށްފަހު އުދުޣާން ވިދާޅުވީ ތުރުކީގެ ރައްޔިތުންނަކީ ވޯޓުފޮށި މެދުވެރިކޮށް އެމީހުންގެ ސަރުކާރާއި ވެރިން ހޮވަމުން ގެންދާ ބައެއް ކަމުގައެވެ. އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޕާޓީގެ 10 އަހަރުވީ ވެރިކަމުގައި ތުރުކީއަށްވަނީ ވޭތުވެދިޔަ 50 ހަކަށް އަހަރު ތެރޭގައި ނާންނަފަދަ ތަރައްޤީއާއި ކުރިއެރުން ލިބިފައެވެ.

މިގޮތުން މިމުއްދަތުގައި ތުރުކީވަނީ އިޤްތިސާދީ ގޮތުން މެދުފަންތީގެ ދަށުލެވެލްގައިވާ ޤައުމަކުން އިޤްތިސާދީގޮތުން މަތީފަންތީގެ ޤައުމަކަށް ބަދަލުވެފައެވެ. އަދި އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީވަނީ އާދައިގެ ދަނޑުވެރި ޤައުމަކުން ސިނާޢީ ޤައުމަކަށް ބަދަލުވާން ފަށާފައެވެ.

އެހެންކަމުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ހަޤައުމުގެ ތެރޭގައި މިއަދު ތުރުކީ ހިމެނިފައިވެއެވެ. އަދި އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީގެ ރައްޔިތުންނަށް ލިބިފައިވާ އިޤްތިސާދީ ތަނަވަސްކަމަކީ އެޤައުމުގެ ފަހުގެ ތާރީޚުގައި ދެކެފައިނުވާވަރުގެ ތަނަވަސް ކަމެކެވެ.

މިއީ ތުރުކީގައި ޒަމާނުއްސުރެ ވެރިކަން ކުރަމުން ގެންދިޔަ ލާދީނީ ޕާޓީތަކުގެ ވެރިކަމުގައި ތުރުކީއަށް ލިބިފައިވާ ތަނަވަސް ކަމެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން އުރުދުޣާންގެ ޖަސްޓިސް ޕާޓީގެ ކުރިމަތީގައި ތުރުކީގެ ލާދީނީ ނުވަތަ ޢިލްމާނީ ޕާޓީތައް ވަނީ ސިޔާސީ ގޮތުން ބަލިކަށިވެ ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ. -- ނޫސްއެޖެންސީތައް / ޖަވާދު


http://www.youtube.com/watch?v=KTlc4gXnXEw