04 Nov 2016, 09:57
ގާތްގަނޑަކަށް 19 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާ، ރާއްޖެއަށް މަސައްކަތް ކުރަން އައިސް އުޅުނު ބިދޭސީއަކާ ލޯބީގެ ގޮތުން ގުޅުނެވެ. އެގުޅުމުގެ ތެރެއިން ކައިވެނިން ބޭރުން އަންހެން ކުއްޖާ ބަލިވެ އިނެވެ. ބަލިވެ އިނީ ބިދޭސީ މީހާއަށް ކަމަށް އާއިލާއިން ބުނެއެވެ. މީގެ ދެ އަހަރު ކުރިން އަންހެން ކުއްޖާ ވިހެއިރު ކުއްޖާ ރަޖިސްޓްރީ ކުރަން ޖެހުނީ ބައްޕަ ކަށަވަރުނުވާ ކުއްޖެއްގެ ގޮތުގައެވެ.
އެ ހާލެއްގައި އެ ދެމައިން އުޅެނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީ މީހާ ރާއްޖޭން ޑީޕޯޓް ކޮށްލި އެވެ. އެ ވަރުން ވެސް އެ ދެ މީހުންގެ ގުޅުމެއް ނުކެނޑެއެވެ. އަންހެން ކުއްޖާ އެންމެ ފަހުން އާއިލާ އަށް ފިލައިގެން ބަނގުލަދޭޝްއަށް ދިޔައެވެ. އެއީ މީގެ އެތައް މަހެއް ކުރިންނެވެ. ސީދާ ތާރީހެއް ނޭނގެއެވެ. ފިލައިގެން ބަނގުލަދޭޝްއަށް ދިއުމަށްފަހު އެ އަންހެން ކުއްޖާގެ ހަބަރެއްވީ އޭގެ ދުވަސްތަކެއް ފަހުންނެވެ.
ފުރާވަރު އެ އަންހެން ކުއްޖާގެ ހަބަރެއްވީ އޭނާގެ ތުއްތު ދަރިފުޅާއެކު ބަންގުލަދޭޝްގައި "ރަހީނު" ކުރުމުންނެވެ.

"މަންމައަށް ގުޅާފަ މިބުނީ ފިރިހެންމީހާ މަންމަ ވަރަށް އަނިޔާކުރޭ، ސަލާމަތްކުރާށޭ، ބުނީމަ މަންމަ ބަންގުލަދޭޝްއަށް ދިޔައީ،" އަންހެން ކުއްޖާގެ ދޮންބައްޕަ ބުންޏެވެ.
ބަންގުލަދޭޝްއަށް އަންހެން ކުއްޖާގެ މަންމަ ގޮސް ކުރި މަސައްކަތުން އަންހެން ކުއްޖާ ހުރި ތަނެއް ހޯދައި އެތަނަށް ދިޔައެވެ. އޭރު އަންހެން ކުއްޖާ ބަހައްޓާފައި ހުރީ ކުކުޅު ކޮއްޓެއްފަދަ ތަނެއްގެ ތެރޭގައެވެ. އޭނާ އެތަނުން ޑާކާއަށް ގެންދެވުނީ ވަރަށް މަސައްކަތުން ކަމަށް އާއިލާއިން ބުނެއެވެ.
އެ މީހުންނަށް ރާއްޖެ ނާދެވެނީސް އަންހެން ކުއްޖާ އިނދެގެން އުޅޭކަމަށް ބެލެވޭ ބަންގުލަދޭޝް ފިރިމީހާ އެ މީހުން ތިބިތަނަށް ގޮސް ދަރިފުޅު ގޮވައިގެން ފިލިއެވެ. ދަރިފުޅު ހޯދަން ގުޅީމަ ދިން ޖަވާބަކީ ދަރިފުޅު ބޭނުންނަމަ ވަކިތަނަކަށް އައުމަށެވެ. އެތަނަށް ދަރިފުޅު ބަލާ އަންހެން ކުއްޖާ ދިއުމުން ދެމައިން ރަހީނު ކުރީ ކަމަށް އާއިލާއިން ބުންޏެވެ.
"އެމީހުން ބުނަނީ މިއީ ބަންގުލަދޭޝް އޭ. މޮޅުވާނީ ތިމަންނަމެނޭ، ދެން އަންހެނުން ބޭނުމެއް ނުވާނެތާ އެމީހުން ނުގެނެސް ރާއްޖެ އަންނާކަށް، އަންހެނުންގެ ވިސާ ހަމަވޭ މިމަހު 12 އަށް،" އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އާއިލާއިން ބުނީ އެކި ފަހަރުމަތިން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެކަމުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަންބޮޑުވުންތަކާއެކު އާއިލާއިން ބުނަނީ އަދި އެކަމަށް އަލި މަގެއް ނުފެންނަ ކަމަށެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓަރީން ވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އެކަން ބަލަމުން އަންނަކަން "ސަން" އަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.
ބިދޭސީއެއްގެ ލޯބީގެ އަވައިގަ ޖެހި ދިވެހި އަންހެން ކުއްޖަކު އެ ވަނީ ރަހީނަކަށް ވެފައެވެ. އެފަދަ އެތައް ކަމެއް އެބަ ހިނގައެވެ. މިދިޔަ އަހަރު ބ. ތުޅާދޫގައި ފާހާނާއެއްގެ ތެރެއަށް ވިހައި މަރުވެފައިވާ ކުއްޖެއް ފެނިފައިވާއިރު އެ ކުއްޖާ ބައްޕަ އަކީވެސް ބިދޭސީއެއް ކަމަށް ބެލެވެ އެވެ. ވިހެއި އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އޭނާ ބައްޕަ ދުއްވާ ބޯޓެއްގައި މަސައްކަތް ކުރަން ގެނައި ބިދޭސީއަކާއެވެ.

އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަށް ހޭލުންތެރިކުރުމަށް ފުލުހުން ބޭނުންކުރާ ޕޯސްޓަރެއް -
ބިދޭސީ ލޯބި އިތުރުވަނީ!
ބިދޭސީއިންނާއި ދިވެހިން ކުރާ ކައިވެނީގެ އަދަދު ވެސް މި ވަނީ އިތުރުވެފަ އެވެ. އެގޮތުން، 2012 އަށް ވުރެ 2013 ވަނަ އަހަރު އެ އަދަދު ވަނީ 36 ޕަސެންޓަށް އިތުރުވެފަ އެވެ. އެ އަހަރު ވަނީ 137 ބިދޭސީ ކައިވެނިކޮށްފަ އެވެ. ފެމެލީ ކޯޓުން ބުނީ ބިދޭސީ ކައިވެނިތައް ގިނައިން ކުރަނީ ރާއްޖެ އިން ބޭރުގައި ކަމަށެވެ.
ރާއްޖޭގައި އުޅެން ފަސޭހައަކަށާއި ރާއްޖޭގައި ވިޔަފާރި ކުރުމަށް ދިވެހިންނާއި އިނުމަކީ އެތައް ބިދޭސީން ކުރަމުން އަންކަމެކެވެ. އެފަދަ އެތައް ކައިވެންޔަކުން އެތައް ދިވެއްސަކަށް ލަނޑު ލިބިފައި އެބަހުއްޓެވެ. ބައެއް ބިދޭސީން އެ މީހުން މި ގައުމުގައި މަސައްކަތްކޮށް ނިމުމުން އަންހެން މީހާ އަށް ނޭނގި އޭނާ ވަރިކޮށް އެ ބިދޭސީ މީހާ އޭނާގެ ގައުމަށް ގޮސް ފިލާފައި އެ ބަހުއްޓެވެ. އެފަދަ ބައެއް ހާދިސާތަކުގައި އެތައް ކުއްޖެއް ބިކަވެފައި ވެސް އެބަހުއްޓެވެ.
މި ގައުމަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތަކުގެ ސަބަބުން އަނެއްކާ ވެސް މި ވަނީ އިތުރު މައްސަލަތަކެއް ފެންމަތިވާން ފަށައިފަ އެވެ. މިފަހަރު އިގުތިސާދުގެ ބަދަލުގައި އެތައް ބައެއްގެ ދިރިއުޅުމެވެ. ޝިކާރައަކަށްވެފައި އެ ވަނީ އަންހެން ކުދިންނެވެ. ލޯބީގެ އަވައިގެ ޖެހި ރަހީނު ކުރާ ހިސާބަށް ކަންކަން ދިޔައީ އެވެ.