04 Nov 2016, 00:18
ހުވަދު އަތޮޅު އުތުރުބުރީ (ގއ. އަތޮޅު)ގެ 20 ރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރުމަށްޓަކައި އިއުލާން ކޮށްފިއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި، 0.19 ހެކްޓަރުން ފެށިގެން 49.4 ހެކްޓަރާ ދެމެދުގެ ބޮޑުމިނުގެ 20 ރަށެއް ލިސްޓުކޮށްފައިވެއެވެ.
އެ 20 ރަށަކީ ކޮޑަފުއްޓާ، ބޭރުހުއްޓާ، ބޮޑުފުށި، ޅޮއްސާ، ކޯއްޑޫ، އުހެރެހާ، ފެންރެހާ، ފެންރެހާހުއްޓާ، އޮޑަގައްލާ، މަތިއްދޫ، ގަލަމަދޫ، މާކަނާރަޓާ، ކޮޑަގެފުއްޓާ، އިދިމާ، ބަބެރާހުއްޓާ، މާފެހެލާ، މެދުރެހާ، ދެއްވަލާބަދޫ، ދިގެދޫ އަދި މިނިމެއްސާއެވެ.
މި ރަށްތަކުގެ ތެރޭގައި، މީގެ ކުރިން ވެސް ވަރުވާއަށް ދޫކުރުމަށް ހިމެނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި 20 ރަށް ވަރުވާއަށް ނެގުމުގެ ބީލަމަށް ބިޑު ފޯމު، 20 ނޮވެމްބަރާ ހަމައަށް ވިއްކަމުން ދާނެ ކަމަށެވެ. ބިޑު ފޯމު ވިއްކާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 8:30 އިން މެންދުރު 1:30 އަށް، ފިޝަރީޒް މިނިސްޓްރީންނެވެ. ބިޑު ފޯމެއްގެ އަގަކީ 20 ރުފިޔާއެވެ.
މިނިސްޓްރީން ބުނީ، ބިޑު ފޯމު ގަންނަ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް 20 ނޮވެމްބަރުގައި އޮންނާނެ ކަމަށާއި، ބިޑު ފޯމު ހުށަހަޅާ ތާރީޚަކީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަސް ކަމަށެވެ.