03 Nov 2016, 20:06
ޓޫރިސްޓު ރިސޯޓު ހިންގާ ރަށްރަށުގެެ ފަޅުގެ ސަރަހައްދު 500 މީޓަރަށް ވުރެ އިތުރު ނުވާނެ ގޮތަށް ކަނޑައަޅައި، ޓޫރިސްޓު ރިސޯޓާއި ހޮޓަލާއި ގެސްޓްހައުސް އަދި ޔޮޓުބަނދަރު ތަރައްގީކުރާން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
ދެހާސް ބާރަވަނަ އަހަރު އެކުލަވާލާފައިވާ، ޓޫރިސްޓު ރިސޯޓާއި ހޮޓަލާއި ގެސްޓްހައުސް އަދި ޔޮޓުބަނދަރު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވައިދުގައި ވަނީ، ޓޫރިސްޓު ރިސޯޓު، ހޮޓާ، ގެސްޓްހައުސް އަދި ޔޮޓުބަނދަރު ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރާ އިރު ލީސް އެގްރިމެންޓުގައި އެތަނެއްގެ ފަޅުގެ ސަރަހައްދު ބަޔާންކޮށްފައި ނުވާނަމަ، އެ ސަރަހައްދު ކަނޑައަޅާނެ ގޮތްތަކެވެ.
ކުރީގެ ގަވައިދު:
އެ ގަވައިދުގެ ތިންވަނަ މާއްދާގައި ކުރިން ބުނެފައިވާ ގޮތުން، ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދު ކަމުގައި ބެލެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން ފަރު ބޭރު ކައިރިއާ ހަމައަށް 1،000 މީޓަރަށް ވުރެ އިތުރުވާ ނަމަ، ރަށުގެ ހޭޅިން ފެށިގެން 1،000 މީޓަރާ ހަމައަށް ކަމަށެވެ. އަދި ހޭޅިން ފެށިގެން ފަރު ބޭރު ކައިރިއާ ހަމައަށް 1،000 މީޓަރު ހަމަނުވާ ނަމަ، ފަޅުގެ ސަރަހައްދަކީ ފަރު ބޭރު ކައިރިއާ ހަމައަށް ކަމަށެވެ.
ކުރީގެ ގަވައިދުގެ ދަށުން، ރަށް އޮންނަ ފަޅުގައި އެހެން ރަށެއް އޮވެ، ދެރަށުގެ ހޭޅިފަށުގެ ދެމެދުގައި 2،000 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވާ ނަމަ، ފަޅުގެ ގޮތުގައި 1،000 މީޓަރުގެ ސަރަހައްދެއް ލިބެއެވެ. އަދި ދެރަށުގެ ހޭޅިފަށުގެ ދެމެދުގައި 2،000 މީޓަރުގެ ދުރުމިން ނެތްނަމަ، ފަޅުގެ ސަރަހައްދު ކަނޑައަޅަނީ ދެރަށުގެ ދެމެދުގައިވާ ސަރަހައްދުގައި މެދުން ރޮނގެއް އަޅައިގެންނެވެ.
އިސްލާހު:
އެހެން ނަމަވެސް އަންގާރަ ދުވަހު އެ ގަވައިދުގެ ތިންވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށުގެ ފަޅު ކަމުގައި ބެލެވޭނީ ހޭޅިއާ ފަރުގެ ބޭރު ކައިރިއާ ދެމެދު 500 މީޓަރަށް ވުރެ އިތުރުވާ ނަމަ، ހޭޅިން ފެށިގެން 500 މީޓަރުގެ ސަރަހައްދު ކަމަށެވެ. އަދި އެ ރަށް ހިމެނޭ ފަޅުގައި އިތުރު ރަށެއް އޮވެ، ދެރަށުގެ ހޭޅިފަށުގެ ދެމެދުގައި 1،000 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވާ ނަމަ ވެސް އެރަށެއްގެ ފަޅަކީ 500 މީޓަރުގެ ސަރަހައްދު ކަމަށް އިސްލާހުގައި ވެއެވެ.
ދެރަށުގެ ހޭޅިފަށުގެ ދެމެދުގައި 1،000 މީޓަރު ހަމަނުވާ ނަމަ ފަޅު ސަރަހައްދު ކަނޑައަޅާނީ ދެރަށް ދޭތެރޭގައި އެއްވަރުވާ ރޮނގެއް ދަމައިގެންނެވެ.
ހޭޅިން ފެށިގެން 500 މީޓަރަށް ވުރެ އިތުރުވާ ފަޅުގެ ސަރަހައްދާ މެދު އަމަލު ކުރާނެ ގޮތްތަކެއްވެސް އިސްލާހުގައި ވެއެވެ. އިސްލާހުގައި ބުނެފައިވާ ގޮތުން، އެސަރަހައްދުގައި ރިސޯޓާ ގުޅުންހުރި ފެސިލިޓީތަކެއް ގާއިމުކުރާން ރަށް ކުއްޔަށް ނަގާފައިވާ ފަރާތުން އެދޭނަމަ، ވަކި ޝަރުތުތަކަކަށް ބެލުމަށްފަހު، ރަށުގެ ހޭޅިން ފެށިގެން ގިނަވެގެން 2،000 މީޓަރާ ހަމައަށްވާ ސަރަހައްދު ފަޅުގެ ގޮތުގައި ކަނޑައެޅުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެއެވެ.
މީގެ އިތުރުން ރިސޯޓު ތަރައްގީކުރާން ދޫކޮށްފައިވާ ރަށާ ވަކިން އެރަށުގެ ފަޅު ކުއްޔަށް ހިފަން ބޭނުންވާ ނަމަ، ވަކި ލީސް އެގްރިމެންޓެއްގެ ދަށުން އެ ފަޅެއް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭ ކަމަށް ވެސް އެ ގަވައިދުގައި ކަނޑައަޅާފައިވެއެވެ.
އެހެން ނަމަވެސް އެގޮތަށް ދޫކުރާ ފަޅެއް ހިއްކޭނީ، އެތަނެއްގައި ގުދުރަތީ ގޮތުން ހިކިފަސްތަނެއް އުފެދިފައިވާ ނަމަ އެކަނި ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. އަދި އެ ފަޅެއް ކުއްޔަށް ދޫކުރެވޭނީ، ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ބާކީ އޮތް މުއްދަތަކަށް ކަމަށް ވެސް ގަވައިދުގައި ވެއެވެ.
ގަވައިދުގައި ކުރިން ބުނެފައިވާ ގޮތުން ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށުގެ ބިން، ސަރުކާރުގެ ހުއްދައާ ނުލައި ހިއްކުމަކީ މަނާކަމެކެވެ. އަދި އެގޮތުން ހިއްކާ ބިމަކީ، ރިސޯޓުގެ ބިމުގެ ބައެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހެއެވެ.
އެ މާއްދާއަށް ގެނައި އިސްލާހާ އެކު، މިގޮތަށް ހިއްކާ ބިމެއް ހިއްކުމުގެ ކުރިން ރަށް ކުއްޔަށް ދިނުމުގެ ލީސް އެގްރިމެންޓަށް ބަދަލު ގެންނަން ޖެހެއެވެ. އެގްރިމެންޓަށް ގެންނަ އިސްލާހުގައި، ހިއްކާ ބިމުގެ ސަރަހައްދު ބަޔާން ކުރާން ޖެހެއެވެ.
އެހެން ނަމަވެސް، ހިއްކާ ބިމުގެ ސަބަބުން ރަށުގެ ފަޅުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލެއް ނާންނާނެއެވެ.
ގަވައިދަށް އިތުރުކޮށްފައިވާ 18 ވަނަ މާއްދާގައި ބުނެފައިވަނީ، ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ފަޅެއް ކުއްޔަށް ދޭ ނަމަ އެ ފަޅުގެ ސަރަހައްދު، ލީސް އެގްރިމެންޓުގައި ބަޔާން ކޮށްފައިވާނެ ކަމަށާއި، އެކަން ބަޔާން ކޮށްފައި ނުވާ ނަމަ އެގްރިމެންޓަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.