03 Nov 2016, 20:48
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކެއް ގެންގޮސްފިއެވެ.
މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޑްރިލް ބަލާލުމަށް ގިނަ އަދަދެެއްގެ ކުޑަކުދީންނާއި އާއްމުން ވަނީ އެތަނަށް ގޮސްފައެވެ. އެ ހަރަކާތުގައި އެމްއެންޑީއެފްގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ފޮޓޯ ނެގުމުގެ ފުރުސަތުވެސް ދީފައިވެއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި މިއުޒިކަލް ޑްރިލް ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިއަދު މާލޭގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާ އިރު، މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއުޒިކަލް ޑްރިލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން ހޮނިހިރު ދުވަހު ވިލިމާލޭގައި އެ ޑްރިލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ވިލިމާލޭގައި އެ ހަރަކާތް އޮންނާނީ ބަނދަރު ސަރަހައްދުގައެވެ.
ހުޅުމާލެއާއި، ވިލިމާލޭގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00ގައެެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މާދަމާ "ވިކްޓްރީ ރަން"ގެ ނަމުގައި ދުވުމުގެ ހަރަކާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ޝިއާރާއި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔަމުން ދުވުމަށް ހަމަޖެހިފައިވާ އެހަރަކާތް ފަށާނީ ހެނދުނު 6.00 ގައި ކަޅުތުއްކަލާކޮށިންނެވެެ.
އެ ހަރަކާތަކީ އަސްކަރިއްޔާގެ ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމުގެ އިތުރުން ގައުމީ ރޫހާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް އެމްއެންޑީއެފުން ބާއްވާ ހަރަކާތެކެވެ.