03 Nov 2016, 20:21
މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމުން ބުނީ މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 50 ކިލޯގްރާމް ގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދަށްވުރެ ވަރަށް ބޮޑުތަން އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އަތުލައިގަނެފައިވަނީ 6.9 ކިލޯގްރާމްގެ މަސްތުވާތަކެތި ކަމަށް ކަސްޓަމުން ބުނެއެވެ.
މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 8.1 ކިލޯގެ ހެރޮއިން އާއި 7.5 ކިލޯގެ ކެނަބިސް އާއި 5.1 ކިލޯގެ ކޮކެއިންގެ އިތުރުން 28 ކިލޯގެ ހަޝިޝް އޮއިލް އަދި 1 ކިލޯގެ މެތަންފެޓަމިން އެވެ. އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 32 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުނެއެވެ.
ކަނޑާއި ވައިގެ ބަނދަރުތަކުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރޭން މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 22 މީހުން ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެފަދަ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ އަށް މީހުންނެެވެ.