13 Jun 2011, 08:03
އިނގިރޭސިވިލާތުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތްތަކުން ހިންގަމުން ގެންދާ ޖަރީމާތައް އިތުރުވަމުންދާ ކަމަށް ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ އިންޑިޕެންޑެންޓް ބުނެފިއެވެ.
އެ ނޫސް ބުނާގޮތުން އިނގިރޭސިވިލާތުގެ މުސްލިމުންގެ ކައުންސިލްގެ ރައީސް ފާރޫޤް މުރާދް ގެންދަވަނީ މިޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އެދި ހައުސް އޮފް ކޮމަންސް އަށް ޚާއްސަ އިލްތިމާސެއް ފޮނުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
އިނގިރޭސި ފުލުހުން ބުނާގޮތުން 2009 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މިދިޔަ އެޕްރީލްމަހާ ހަމައަށް އިނގިރޭސި މުސްލިމުންނަށް އަމާޒުކޮށްގެން އެޤައުމުގެ އެކިކަންކޮޅުތަކުގައި 762 ޖަރީމާ ހިންގާފައިވާއިރު އޭގެތެރެއިން 333 ޖަރީމާ ހިންގާފައިވަނީ 2010 އަކާއި 2011 އާ ދެމެދުގައެވެ.
މިދިޔަ އެޕްރީލް މަހުން ފެށިގެން މިހާތަނަށް އެކަނިވެސް މުސްލިމުންނާ ދެކޮޅަށް 57 ޖަރީމާ ހިންގާފައިވާއިރު މިޖަރީމާތައް ހިންގާފައިވާ ކަމަށް ބެލެވިފައިވަނީ މުސްލިމުންނާ އަދި އިސްލާމް ދީނާމެދު ޙަސަދަލައިގެންއުޅޭ ކަނާތު ފިޔައިގެ ޤައުމީ ޖަމާއަތްތަކުންނާއި ހަރުކަށި ނަސާރާ އަދި ޔަހޫދީ ޖަމާއަތްތަކުންނެވެ.
މިޖަރީމާތަކަކީ އެހެން އެއްވެސް ސަބަބެއްނެތި ހަމައެކަނި މުސްލިމުންނަށްވާތީ މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލީ އިމްތިޔާޒްގެ ޖަރީމާތަކެއް ކަމަށް އިނގިރޭސި ސިފައިންގެ ބަޔާންތަކުންވެސް ހާމަވާކަމަށް މި ނޫސް ބުނެއެވެ.
އިނގިރޭސިވިލާތުގެ މުސްލިމުންނާ ދެކޮޅަށް ކަނާތު ފިޔައިގެ ޤައުމީ ޖަމާއަތްތަކާއި ނަސާރާ އަދި ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކުގެ ތެރޭގައި މިސްކިތްތަކުގެ އިމާމުންނަށް ގޯނާކުރުމާއި އެމީހުންނަށް އޮއްގަލުންނާއި ބަޑިން ޙަމަލާދިނުމާއި މިސްކިތްތަކަށް ގަލާއި ހިލައާއި އަތުބޮން އުކުމާއި އޫރުގެ ލެއާއި އޫރުގެ ކަތިލާފައިވާ ބޯފަދަ މުޑުދާރުތަކެތި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ބޭއްވުމާއި މުސްލިމް ލީޑަރުންނަށް މަރުގެ އިންޒާރު ދިނުމާއި އެމީހުންނަށް ބިރުދެއްކުންފަދަ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ ޓެރަރިސްޓް ޢަމަލުތައް ހިމެނެއެވެ.
އެކްސްޓަރ ޔުނިވަރސިޓީގައި ހުންނަ ޔޫރަޕިޔަން ސެންޓަރ ފޯރ އިސްލާމިކް ރީސާޗް ގެ ޑައިރެކްޓަރ ޑޮކްޓަރ ރޮބަޓް ލެންބާރޓް ވިދާޅުވިގޮތުގައި އެމަރުކަޒުން ގެންދަނީ އިނގިރޭސިވިލާތުގެ މުސްލިމުންނާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި އަނިޔާތަކާއި ނަސްލީ އިމްތިޔާޒްގެ ޢަމަލުތަކާބެހޭ ގޮތުން ހަދަމުން ގެންދާ ފުރިހަމަ ރީސާޗެއްގެ ނަތީޖާ މިއަހަރުގެ ސެޕްޓެމްބަރ 11 އިގެ ކުރިން ނެރުމަށް މަސައްކަތް ކުރަމުންނެވެ.
އިނގިރޭސި ހަރުކަށި ޖަމާޢަތްތަކާ ދެކޮޅަށް މަސައްކަތްކުރާ ކޮލިޔަމް ސެންޓަރުން ވާހަކަ ދެއްކެވި ޢަބްދުލްޣައްފާރު ޙުސައިން ހާމަކުރެއްވި ގޮތުގައި މުސްލިމުންނާ ދެކޮޅަށް ހިންގޭ ތަޢައްސުބު ނުވަތަ އިންޓޮލަރެންސްގެ ޢަމަލުތައް އިނގިރޭސިވިލާތުގައި ދަނީ ގިނަވަމުންނެވެ.
އިނގިރޭސި ރައްޔިތުންގެ ގިނަބަޔަކު މުސްލިމުންނާމެދު ނަފްރަތުކަން ގެންގުޅޭތަން އާންމު ގޮތެއްގައި ނުފެނުނު ނަމަވެސް މުސްލިމުންނަށް ނަފްރަތުކުރާ އަދި މުސްލިމުންނާ ދެކޮޅަށް ތަޢައްސުބުގެ ޢަމަލުތައް ހިންގާ މީހުންނާއި ޖަމާއަތްތައް ވަރަށް މިނިވަންކަމާއެކު އިނގިރޭސިވިލާތުގައި ހަރަކާތްތެރިވެއެވެ.
އިނގިރޭސިވިލާތުގައި މުސްލިމުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވެ އިނގިރޭސި ރައްޔިތުންގެ ގިނަބަޔަކު އިސްލާމް ވަމުންދާތީ އެކަމާކަންބޮޑުވާ ގިނަބަޔަކުވެސް އިނގިރޭސި މުޖްތަމަޢުގައި އެބަތިއްބެވެ.
އަދި ޔޫރަޕްގެ ބައްރު ކުރިމަގުގައި އިސްލާމީ ބައްރަކަށް ބަދަލުވެދާނެކަމުގެ ބިރުހީވާ ގިނަޢަދަދެއްގެ ބަޔަކު ޔޫރަޕްގެ ޤައުމުތަކުގައި އެބަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޔޫރަޕްގައިވާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި އިސްލާމީ ސްކޫލްތައްފަދަ އިސްލާމީ ބިނާތަކުގެ 60 ވަރަކަށް ޕަސެންޓް ތަންތަން، މުސްލިމުންނާމެދު ނަފްރަތާއި ހަސަދަވެރކަން ގެންގުޅޭ ހަރުކަށި ފަރާތްތަކުގެ ޝިކާރައަކަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައި، ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. -- އިންޑިޕެންޑެންޓް