ދިވެހިންގެ މި ކުޑަކުޑަ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އިގްތިސާދީ ގޮތުން ބަލާއިރު ވެސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދަނީ ވެސް ހަލުވި ސްޕީޑެއްގަ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކާއި، ހޮޓެލްތަކަށް ކޮންމެ އަހަރަކު ދޭ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ މިއަހަރުގެ ހަފްލާއިންވެސް އެކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ފަސްތަރީގެ ސެއިންޓް ރީޖިސް ހޮޓަލުގައި 29 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ ރޭ ބޭއްވި މި އެވޯޑް ހަފްލާގައި 23 ކެޓަގަރީއަކުން ރާއްޖޭގައި ހިންގާ 19 ރިސޯޓަކަށް އެވޯޑު ލިބިފައިވާ އިރު، އެ އެވޯޑުގެ އެންމެ ޝަރަފުވެރި ބައިކަމުގައިވާ ގްލޯބަލް ކެޓަގަރީން ދުނިޔޭގެ ލަގްޒަރީ ގެސްޓް ހައުސްގެ އެވޯޑް ލިބިފައި ވަނީ ރާއްޖޭގައި ހިންގާ ދިވެހި ގެސްޓްހައުސްއެއް ކަމަށްވާ އޯޝަން ގްރޭންޑް އަށެވެ. މިއީ ގެސްޓްހައުސް ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްވުމަށް ފަހު ދުނިޔޭގެ ފެންވަރުގެ ބައިނަލްއަޤުވާމީ އެވޯޑެއް ރާއްޖޭގެ ގެސްޓްހައުސްއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ލަގްޒަަރީ އެވޯޑްސް ހަފްލާގައި އޯޝަން ގްރޭންޑުގެ ފަރާތުން އެވޯޑާ ހަވާލުވަނީ -- ފޮޓޯ: އޯޝަން ގްރޭންޑު

ހުޅުމާލޭ ބީޗް ސަރަހައްދުގައި ހުންނަ އޯޝަން ގްރޭންޑް ފަތުރުވެރިންނަށް ހުޅުވާލީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. މާކެޓުގައި އަދި މާ ގިނަ ދުވަހެއް ނުވާއިރު އެ ގެސްޓްހައުސްއަށް، ދުނިޔޭގެ އެންމެ ލަގްޒަރީ ގެސްޓްހައުސްގެ އެވޯޑު ލިބުމަކީ ރާއްޖޭގެ މުޅި ގެސްޓްހައުސް ވިޔަފާރީގެ ދާއިރާއަށް ލިބުނު ޝަރަފަކާއި ކުރިއެރުމެކެވެ. މި އެވޯޑާ އެކު ރާއްޖެއިން، ފަތުރުވެރިންނަށް ދެމުން އަންނަ ޚިދުމަތުގެ ފެންވަރު އިންތިހާ އަށް ރަނގަޅުކަން ސާބިތު ވެއްޖެ އެވެ.

ހަތަރު ކެޓަގަރީއެއްގެ ލަގްޒަރީ 18 ކޮޓަރި

އޯޝަން ގްރޭންޑުގެ ކޮޓަރިއެއް - ފޮޓޯ: އޯޝަން ގްރޭންޑް

"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ގެސްޓްހައުސްގެ ރެޒިޑެންޓް މެނޭޖަރު، ހަސީބު ޝަރީފް ވިދާޅުވީ، ގެސްޓްހައުސްގައި ޖުމްލަ 18 ކޮޓަރި ހުންނަ ކަމަށާއި ހުރިހާ ކޮޓަރިއަކީ ވެސް ހަމަ ލަގްޒަރީ ފެންވަރުގެ ކޮޓަރިތައް ކަމަށެވެ. އެގޮތުން ހަ ޑިލަކްސް ޑަބަލް ކޮޓަރި އާއި، ތިން ސުޕާ ޑިލަކްސް ޑަބަލް ކޮޓަރި އެ ގެސްޓްހައުސްގައި ހިމެނެ އެވެ. މީގެ އިތުރުން، ސުޕާ ޑިލަކްސް ޓްވިން ކެޓަގަރީގެ ތިން ކޮޓަރި އާއި، އޯޝަން ވިއު ކެޓަގަރީގެ ހަ ކޮޓަރި މި ގެސްޓްހައުސްގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި - ތައި ރަހަތަކެއް

މި ގެސްޓްހައުސްގައި ދެ ރެސްޓޯރެންޓު ހުރެ އެވެ. އެއީ ގްރައުންޑް ފްލޯގައި ހުންނަ ރެސްޓޯރެންޓާއި ރޭގަނޑަށް ޚާއްސަކޮށްގެން ހުޅުވާ އެ ގެސްޓްހައުސްގެ، ޓެރަހުގައި ހުންނަ ރެސްޓޯރެންޓެވެ. ކޮޓަރިތަކުގެ ފެންވަރާ އެއްވަރަށް އެ ހޮޓަލުގައި ހިމެނޭ މި ދެ ރެސްޓޯރެންޓުގެ ކާތަކެތީގެ ރަހަވެސް ވަރަށް ތަފާތެވެ. މީރެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވެނީ އެތަނުގައި ތައްޔާރުކުރާ "ހޯލް ފްރައިޑް ފިޝް" އެވެ. މިއީ އެތަނުގެ އަމިއްލަ ޑިޝް އެކެވެ.

"އެއީ ލޯކަލް ޓޭސްޓާއި ކޮންމެވެސް ވަރަކަށް ތައި ފިއުޝަންއާ އެއްވެގެން އަންނަ އެއްޗެއް. އޭގެ ޕްރެޕެރޭޝަންގަ މިހުންނަނީ ދިވެހި ރަހަތައް ބޭނުންކޮށްފައި. ދެން ތައި ސްޕައިސަސް ހިމަނާފައި އެ އިންނަނީ. މިއީ ދިވެހިންގެ މެދުގައި ވެސް އަދި ގެސްޓުންގެ މެދުގަވެސް ވަރަށް މީރުކަމަށް ފީޑްބެކް ލިބޭ ޑިޝްއެއް،" ހަސީބް ވިދާޅުވި އެވެ.

އޯޝަން ގްރޭންޑުގެ އެންމެ މަގުބޫލު ޑިޝް، "ހޯލް ފްރައިޑް ފިޝް" - ފޮޓޯ: އޯޝަން ގްރޭންޑު

ހަސީބް ވިދާޅުވީ، އެ ޑިޝް ތައްޔާރުކުރުމަށް މަސް ގެންނަނީ ކޮންމެ ދެ ދުވަހަކުން އެއްދުވަހު މާލޭ މަސް މާރުކޭޓުން ކަމަށެވެ. އަދި ގެންނަ އިރު ގެންނަނީ ވެސް ހަމައެކަނި ދެ ދުވަހަށް ވާ ވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ގެސްޓުންނަށް ތާޒާކަމާ އެކު ކެއުން ތައްޔާރުކޮށްދިނުމެވެ. އެތަނުގެ ދެ ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ހުރިހާ ޑިޝްއަކުން ވެސް ދިވެހިންނަށް ހަމަޖައްސާފައި ވަނީ، ޚާއްސަ ޑިސްކައުންޓެއްގައި، ގެސްޓުންނަށް ދޭ އަގުތަކަށް ވުރެ ހެޔޮ އަގުތަކެކެވެ.

"ދިވެހިންވެސް މަޑުކޮށްލަން އާދޭ"

ގެސްޓުންގެ ޑިމާންޑާ އެއްވަރަށް ޗުއްޓީތަކާ ދިމާކޮށް ގެސްޓްހައުސްތަކަށް ދިވެހީންގެ ޑިމާންޑުވެސް ބޮޑުވެއެވެ. އާއިލާ ނުވަތަ ރައްޓެހިންނާ އެކު މަޖާ ކޮށްލަން ބޭނުންވާ އެތައް ބައެއްގެ ޗުއްޓީ މަންޒިލަކަށް އޯޝަން ގްރޭންޑުވެސް ވަނީ ވެފަ އެވެ.

ރެޒިޑެންޓް މެނޭޖަރު، ހަސީބު ވިދާޅުވީ ޚާއްސަކޮށް ޗުއްޓީތަކާ ދިމާކޮށް ދިވެހީންގެ ޑިމާންޑު ވަރަށް ބޮޑުވާ ކަމަށެވެ. ނަމަވެސް ގިނަ ފަހަރު ޗުއްޓީތައް ފެށޭއިރު ކޮޓަރިތައް ހުންނަނީ ފުލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހީންނަށް ޚިދުމަތް ދެނީ ގެސްޓުންނަށް ޚިދުމަތްދޭ އަގުގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓަކާ އެކު ކަމަށްވެސް ހަސީބް ވިދާޅުވި އެވެ.

ޚާއްސަ ބީޗް ސެޓަޕެއް

އޯޝަން ގްރޭންޑް ގެސްޓްހައުސް ހުންނަނީ ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ކަމަށްވުމުން ބީޗުގެ ބޭނުން ހިފުމުގެ ފުރުސަތު ވެސް އެ ގެސްޓްހައުސްއަށް ވަނީ ފަހިވެފަ އެވެ. ވިޔަފާރީގެ ބޭނުމަށް ރެސްޓޯރަންޓެއްގެ ގޮތުގައި ބީޗްގެ ބޭނުން ނުހިފި ނަމަވެސް، އެ ގެސްޓްހައުސް އިން ދަނީ، ގެސްޓްހައުސްގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ބީޗް ސަރަހައްދުގައި ދިވެހި ކަޕްލްސް އަށް އެފަރާތްތަކުގެ ޙާއްސަ މުނާސަބަތުތަކުގައި ރޮމޭންޓިކް ޑިނާ ސެޓަޕް ހަދައި ދެމުންނެވެ.

"ރިކުއާމެންޓަށް ބޭސްކޮށްފައި ޕްރައިވެޓް އެންޓިކް ސެޓަޕެއް އެބަ ހަދައިގެން ބީޗުގައި. ކުރީބައިގަ އޯޑަރު ނަގައިގެން މި ޚިދުމަތް ދިވެހީންނަށް ދެމުން މިދަނީ. މާލެ ސަރަހައްދުން ލިބޭ ރަނގަޅު ކާއެއްޗެހި މި ސެޓަޕްގައި ދެވޭ. މިއީ މާލެ ސަރަހައްދުން ނުލިބޭ ކަހަލަ ސެޓަޕެއް. ތަފާތު މީލްތައް ވެސް އެބަ ގެނެވޭ. ލޮބްސްޓާ، ސީފުޑް ކަހަލަ މީލްތައް. މިއީ އަންނަ ކަސްޓަމަރުންގެ ބޭނުންތަކަށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ބާއްވާ ސެޓަޕެއް. ވަރަށް ބޮޑު ތަރުހީބެއް ލިބޭ،" ހަސީބް ވިދާޅުވިއެވެ.

ދިވެހީންނަށް ޚާއްސަ ބީޗް ސެޓަޕް - ފޮޓޯ: އޯޝަން ގްރޭންޑު

މީގެ އިތުރުން ވެސް އެ ގެސްޓްހައުސް އިން ވަނީ ރިސޯޓުތަކުން ދޭ ބައެއް އެކްސްކާޝަންތައް ވެސް އެޑޮޕްޓުކޮށްފައެވެ. އެގޮތުން، މޯނިންގ އަދި ނައިޓް ފިޝިން އާއި، ސްނޯކަލިންގެ ޚިދުމަތާއި، ސަންސެޓް ކްރޫސް ފަދަ ޚިދުމަތްތަވެސް އެ ގެސްޓްހައުސްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް ޕްރައިވެޓް ޕިކްނިކް، އައިލެންޑް ހޮޕިން، ޑޯލްފިން ސަފާރީ، މާލެ އެކްސްކާޝަންސްގެ އިތުރުން ލޯކަލް އައިލެންޑް ޓުއާ އަދި ބިގް ގޭމް ފިޝިން ފަދަ ޚިދުމަތްތައްވެސް އެ ގެސްޓް ހައުސްއިން ދަނީ ގެސްޓުންނަށް ފޯރުކޮށްދެމުންނެވެ.

ވޯޓާ ސްޕޯޓްސްގެ ޚިދުމަތް

ފަތުރުވެރިކަމުގެ ދާއިރާގައި ވޯޓާ ސްޕޯޓްސް އަކީ ވަރަށް މުހިއްމު ބައެކެވެ. ގުދުރަތީ ގޮތުން ބޮޑު ފަޅެއް ލިބިފައިވާ ހުޅުމާލޭގައި ހިންގާ މި ގެސްޓްހައުސްއިން ވެސް ދަނީ ވޯޓާ ސްޕޯޓްސްގެ ޚިދުމަތް ދެމުންނެވެ. އެގޮތުން ކެނޯއިން އާއި ބޯޑް ސްޕޯޓްސްގެ އިތުރުން ޖެޓްސްކީ ފަދަ މޮޓޮރައިޒްޑް ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް ވެސް އެ ގެސްޓްހައުސްއިން ދަނީ އައުޓް ސޯސްކޮށް ފޯރުކޮށްދެމުންނެވެ.

ރިސޯޓުތަކަށް ޑޭ ވިޒިޓް ކުރުން

ރާއްޖެ އައުމަށް ގެސްޓުން ބުކިން ހަދާ ހިސާބުން ފެށިގެން އެ ގެސްޓުހައުސްއިން ދަނީ ހުޅުމާލެއިން ލިބޭ ޚިދުމަތްތަކާއި، ނުލިބޭ ޚިދުމަތްތަކާއި އަދި ސަމާލުވާންވީ ކަންތައްތަކުގެ ތަފްސީލް ގެސްޓުންނާ ވަރަށް ރަނގަޅަށް ހިއްސާ ކުރަމުންނެވެ. ހަސީބް ވިދާޅުވީ، މިހެންވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ފަސޭހަ ވެގެންދާ ކަމަށެވެ.

"ފުރަތަމަ ބުކިން ހަދާ ހިސާބުން ފަށައިގެން އެ އިންފޮމޭޝަން ފޯރުކޮށްދެވިފައި އިނދެއްޖެއްޔާ އަންޑަސްޓޭންޑު ވެފަ އޮންނާނީ އެރައިވް ވާއިރު މިސާލަކަށް އަލްކޮހޯލް ނުލިބޭކަން. ދެން ހުރީ ކޮން އޮޕްޝަނެއްތޯ. މިސާލަކަށް އެޗްއައިއެޗްއަށް ދެވިދާނެ. ސަފާރީ ބޯޓަކަށް ދެވިދާނެ އޭނާ ބޭނުންވެއްޖެ ހާލަތެއްގައި. ބިކިނީ ނުލެވޭކަން. އަލްޓެނޭޓިވް އޮޕްޝަން އަކީ ކޮބައިކަން. މިކަންތައްތަކާ ގުޅޭ ގޮތުން ކުރީބައިގަ މި އޮންނަނީ ރަނގަޅަށް ކޮމިއުނިކޭޓް ކޮށް މަޢުލޫމާތު ފޯރުކޮށްދީފައި،" ހަސީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން ގެސްޓުންނަށް ގޮތްތަކެއް ގެސްޓްހައުސް މެދުވެރިކޮށް ފަހިކޮށްދޭ ކަމަށެވެ. އެގޮތުން ރިސޯޓުތަކަށް، އެއް ދުވަހުގެ ދަތުރެއް ކުރުމާއި، ސަފާރީތަކާއި ސޭންޑް ބޭންކްތަކަށް ދިއުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. މި ޚިދުމަތް ދިނުމަށް އޯޝަން ގްރޭންޑުން ވަނީ ބައެއް ރިސޯޓްތަކާ އެކު އެފިލިއޭޓް ވެފަ އެވެ. ހަސީބު ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ގެސްޓްހައުސްގައި އުޅެމުން އެއް ދުވަހުގެ މުއްދަތަކަށް ރިސޯޓަކަށް ޒިޔާރަތް ކޮށް، އެތަނުގެ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ގެސްޓުންނަށް ލިބިގެންދާ ކަމަށެވެ. އަދި މި ޚިދުމަތަކީ އެ ގެސްޓްހައުސައަށް އަންނަ ގެސްޓުންގެ މެދުގައި ވަރަށް މަގުބޫލު ޚިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށްވެސް އޮކިއުޕޭންސީ އުޅެނީ 95 ޕަސެންޓުގައި

ގެސްޓްހައުސް ވިޔަފާރި އަކީ ރާއްޖޭގައި ވަރަށް ޑިމާންޑު ބޮޑު ވިޔަފާރިއެކެވެ. ގިނަ ފަހަރު ރާއްޖެ އަންނަ ފަތުރުވެރީން ރިސޯޓުތަކަށް ދަނީ މާލެ ސަރަހައްދުގެ ގެސްޓްހައުސްއެއްގައި ޓްރާންސިޓް ކޮށްފައެވެ. އެގޮތުން، އޯޝަން ގްރޭންޑުގައި ޓްރާންސިޓް ކުރާ ފަތުރުވެރިންގެ އަދަދުވެސް ގިނައެވެ.

އޯޝަން ގްރޭންޑުގެ ޓެރެސްގައި ހުންނަ ރެސްޓޯރެންޓު - ފޮޓޯ: އޯޝަން ގްރޭންޑް

ހަސީބު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެ ގެސްޓްހައުސްގެ އޮކިއުޕޭންސީ އުޅެނީ 95 ޕަސެންޓުގައި ކަމަށެވެ. އަދި އެވްރެޖްކޮށް ކޮންމެ ފަތުރުވެރިއަކު ވެސް އެ ގެސްޓްހައުސްގައި ތިންރޭ ވަންދެން މަޑު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އޮންވަރޑް އާއި ރިޓަރން ހިމަނައިގެންނެވެ.

ބޭނުން ވަނީ ޚިދުމަތުގެ ފެންވަރު އަދިވެސް ރަނގަޅު ކުރަން

ހަސީބު ވިދާޅުވި ގޮތުގައި އޯޝަން ގްރޭންޑް ހިންގަމުންދަނީ ވަރަށް ހެލްތީ މާކެޓެއްގައެވެ. ނަމަވެސް ކުންފުނީގެ ބޭނުމަކީ އަދިވެސް ގެސްޓުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ މަހަކުވެސް ރިސޯޓުތަކުން ޕްރޮފެޝަނަލް ޓްރޭނަރުން ގެނެސް ކޮންޓިނިއުސްކޮށް މިތަނުގެ މުވައްޒަފުންނަށް ތަމްރީން ދެން. މިއީ އަޅުގަނޑުމެންގެ ކޮލިޓީ ސާވިސް މެއިންޓެއިން ކުރަން ވެގެން ކުރާ ކަމެއް. ހުރިހާ ޓްރެވަލް އޭޖެންސީއެއްގެ އޮންލައިން އެޕްލިކޭޝަންތަކުގެ ޑެއިލީ ރިވިއު ސްކޯ ޤަވައިދުން ބަލައި، އެ ރިވިއުގެ ކޮން ކޮމްޕޯނަންޓެއްތޯ ދަށްވަނީ ފާހަގަކޮށް، ބަރާބަރަށް ރިވިއު އިވެލުއޭޝަން ހަދަން،" ހަސީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސާވިސް އިވެލުއޭޓް ކުރާ ކަންކަމަށް ބަލައި، އެ ގެސްޓްހައުސް އިން މިހާރު ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ދަށް ވިޔަ ނުދީ ފުރިހަމަކަމާ އެކު ކުރިއަރައިދިއުމުގެ މަގްސަދުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެއްވެސް އީމެއިލެއް ނުދާނެ ރިޕްލައި ނުކުރާ. އެއްވެސް ސޯޝަލް މީޑިއާއެއްގައި މެސެޖެށް ނުދާނެ ރިޕްލައި ނުކުރާ. އެންމެ މުޙިންމު ކަމަކީ އެންކުއަރ ކުރާ ފަރާތްތަކަށް އެއިންނަ ޓައިމް ލައިންގެ ތެރެއިން ރިޕްލައި ކުރުން. ޑެއިލީ ކޮށް، ވީކްލީކޮށް ކޮލިޓީ މެއިންޓެއިންކޮށް، ޤަވައިދުން ސްޓާފް ޕާފޯމަންސް އިވެލުއޭޓް ކުރާނެ މިތަނުގައި،" ހަސީބް ވިދާޅުވި އެވެ.

އޯޝަން ގްރޭންޑުގެ ގްރައުންޑް ފްލޯގައި ހުންނަ ރެސްޓޯރެންޓު- ފޮޓޯ: އޯޝަން ގްރޭންޑް

ކޮލިޓީ އިވެލިއޭޓް ކުރުމުގައި ދުނިޔޭގައި ވެސް ފޮލޯ ކުރަމުން އަންނަ މިންގަނޑުތައް އެ ގެސްޓްހައުސް އިން ވެސް ދަނީ ފޮލޯ ކުރަމުންނެވެ. އެގޮތުން، ތިން ފަހަރަށް ރިންގު ވުމުގެ ކުރިން އަންނަ ކޯލުތަކަށް ޖަވާބު ދިނުމާ، މުވައްޒަފުންގެ ސާފުތާހިރުކަމާއި، އިޙްތިރާމާ އެކީ ކަސްޓަމަރުންނާ މުޚާތަބްކުރުން ފަދަ ކަންކަމަށް ވަކިން ޚާއްސަ އަހަމިއްޔަތު ކަމެއް އެ ގެސްޓްހައުސް އިން ދެއެވެ.

އެވޯޑު ލިބޭނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރޭ

ސަން އަށް ދެއްވި އިންޓަވިއުގައި ހަސީބް ވިދާޅުވީ، ދުނިޔޭގެ އެއްވަނަ ގެސްޓްހައުސްގެ އެވޯޑު އެ ގެސްޓްހައުސް އަށް ލިބޭނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދު ކޮށްފައި ނުވާ ކަމަށެވެ. ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑަށް ނޮމިނޭޓް ވެފައިވާކަންވެސް އެނގުނީ އެ ފަރާތުން އެކަން އެންގުމުންކަމުގައި އޭނާ ވިދާޅުވި އެވެ. އަދި، މި އެވޯޑަށް ނޮމިނޭޓް ވުމާއެކު ރާއްޖޭގެ ފެންވަރުގެ ވަނައަކަށް އުންމީދު ކުރިކަމަށާއި، ނަމަވެސް ދުނިޔޭގެ އެއްވަނަ ގެސްޓްހައުސްގެ އެވޯޑް ލިބިދާނޭކަމަށް ހިތަށްވެސް ނާރާކަމަށް ޙަސީބު ވިދާޅުވި އެވެ.

އޯޝަން ގްރޭންޑުގެ ރެޒިޑެންޓް މެނޭޖަރު އެވޯޑު ހިއްޕަވައިގެން - ފޮޓޯ: އޯޝަން ގްރޭންޑް

"އެވޯޑުގެ ސަބަބުން އަޅުގަނޑުމެންނަށް މި ލިބުނީ ބައިނަލްއަގުވާމީ ސެޓިފިކޭޝަނެއް. ކުރިއަށް އޮތް ތަނުގައި މާކެޓު ކުރާއިރު މި ސެޓްފިކޭޝަންގެ ބޭނުން އަޅުގަނޑުމެންނަށް ހިފޭނެ. މި އެވޯޑަކީ ފަތުރުވެރިން ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ޝަރަފުވެރި އެވޯޑެއް،" ހަސީބް ވިދާޅުވި އެވެ.

ވޯލްޑް ލަގްޒަރީ ހޮޓެލް، ބެސްޓް ގެސްޓް ހައުސް އެވޯޑާއެކު އޯޝަން ގްރޭންޑް ތާރީޙުގެ ތެރެއަށް

ކޮންމެއަކަސް ވޯލްޑް ލަގްޒަރީ ހޮޓެލް ބެސްޓް ގެސްޓްހައުސް އެވޯޑާއެކު އޯޝަން ގްރޭންޑް މިވަނީ ތާރީޙުގެ ތެރެއަށް ވަދެފައެވެ. ގެސްޓްހައުސް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފް ވުމަށްފަހު މިވީ މަދު އަހަރުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދިވެހި ގެސްޓްހައުސް އަކަށް މިފަދަ ޝަރަފުވެރި ބައިނަލް އަޤުވާމީ އެވޯޑެއް ލިބުމަކީ ދިވެހިރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި، މި އެވޯޑާއެކު ރާއްޖޭގެ ގެސްޓްހައުސް ސިނާއަތާ ދޭތެރޭ ދުނިޔޭގެ އިތުބާރު އުފެދިގެން ދާނޭކަމީ ދިވެހި ގެސްޓްހައުސްތަކަށް ކުރިމަގުގައި ނުހަނު ފައިދާ ކުރާނޭކަމެކެވެ.

އޯޝަން ގްރޭންޑުން މި ސާބިތުކޮށްދިނީ، ކުޑަޔަސް ނުވަތަ ވަސީލަތްތައް މަދަސް، މި ކުޑަކުޑަ ރާއްޖޭގެ ގެސްޓްހައުސްތަކަށްވެސް ދުނިޔޭގެ ފެންވަރުގައި ފައިތިލަ ހަމަކުރެވިދާނޭ ކަމެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ގެސްޓްހައުސްތަކަށް ގޮންޖެހިދާނޭ ކަމެވެ.