"އަސްލު ޖަލްސާ" މި ނަމުގައި މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މާދަމާ ރޭ ޖަލްސާ ބާއްވަނީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުންނެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މާދަމާ ރޭ ބާއްވާ ޖަލްސާގައި ހަމަނުޖެހުން ހިންގަން ބައެއް ފަރާތްތަކުން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާތީ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައި ކަމަށެވެ.

އެ ޖަލްސާގައި އެއްވެސް ހަމަނުޖެހުމެއް ހިންގަން އުޅޭނަމަ އެފަދަ މީހަކާ މެދު ރައީސް ޔާމީންގެ ސެކިއުރިޓީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމަނުޖެހުމެއް ހިންގުމުން ސެކިއުރިޓީން އަޅާ ފިޔަވަޅެއްގެ ޒިންމާ ޕީޕީއެމް އިން ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ފެކްޝަންގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އެ ޖަލްސާ އަށް މީހުންގެންނަން ސަރުކާރުގެ އެކި އޮފީސްތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވާ ކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާ އަށް ދިޔުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ޖަލްސާ އަށް ވަޑައިގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމަށް އެ ފެކްޝަނުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފައެވެ.

ހ. ތެމާގައި ހިންގި ޕީޕީއެމް އޮފީސް ގައި ބާއްވަން އުޅުނު އެ ޖަލްސާއަށް ފުލުހުން ހުރަސްއެޅުމުން ޖަލްސާ ވަނީ ބޭއްވޭގޮތް ނުވެފައެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ޕީޕީއެމްގެ އޮފީސް ތެރޭގައި ހުރި ހުރިހާ މުދަލެއް އެރޭ ދަރުބާރުގެއަށް ގެންގޮސްފައެވެ.