03 Nov 2016, 18:43
މަޓާޓޯއިން ކޮންމެ އަހަރަކުން ބާއްވާ، މޯލްޑިވްސް ޓްރެވެލް އެވޯޑް ހަފްލާގެ މިއަހަރުގެ ހަފްލާ ސަން ސިޔާމް ރިސޯޓްސްގެ ދަށުން ހިންގާ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.
އޮޅުވެލި ބީޗް އެންޑް ސްޕާގައި މި އެވޯޑް ހަފްލާ ބޭއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި، މި އެވޯޑު ހަފްލާ އިންތިޒާމު ކުރާ ފަރާތްތަކަށްވާ ޓިންކް އެޑްވަޓައިޒިންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، މުހައްމަދު ވަހީދު އެވެ. ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ކޮމިއުނިކޭޝަންސް މެނޭޖަރު، ފާތުމަތު ރީނާ އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރީނާ ވިދާޅުވީ މިއަހަރު މަޓާޓޯގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މިއަހަރުގެ ޓްރެވެލް އެވޯޑް ހަފްލާ ހޯސްޓް ކުރާ ފަރާތަކީ ސަން ސިޔާމް ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓެއް ކަމަށްވުމުން އެކަމާ ފަޚުރުވެރިވާ ކަމަށެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އެވޯޑުދޭކެޓަގަރީތަކުގެ ތެރޭގައި ރިސޯޓް ކެޓަގަރީއާއި ހޮޓެލްސް ކެޓަގަރީ އާއި ވެލްނެސް، ސްޕާ ކެޓަގަރީ އާއި ލިވަބޯޑް އަދި ޓްރެވަލް، ޓެކްނޮލޮޖީގެ އިތުރުން އޭވިއޭޝަން، ޓްރާންސްޕޯޓް އާއި ޑައިވް ސެންޓާ ހިމެނެ އެވެ.
ރިސޯޓް ކެޓަގަރީން 19 އެވޯޑެއް ދޭއިރު، ހޮޓެލްސް ކެޓަގަރީއިން ފަސް އެވޯޑެއް ދޭނެ އެވެ. އަދި ވެލްނެސް، ސްޕާ ކެޓަގަރީން ދެ އެވޯޑެއް ދޭ އިރު ލިވަބޯޑްސް އާއި ޓްރެވަލް، ޓެކްނޮލޮޖީ ކެޓަގަރީން ވެސް ކޮންމެ ކެޓަގަރީ އަކުން ދެ އެވޯޑެއް ދޭނެ އެވެ. އޭވިއޭޝަން، ޓްރާންސްޕޯޓް އާއި ޑައިވް ސެންޓަރުގެ ކެޓަގަރީން ދޭން ނިންމާފައި ވަނީ ކޮންމެ ކެޓަގަރީ އަކުން އެއް އެވޯޑެވެ.
މި އެވޯޑުތަކަށް ނަން ހުށަހަޅާފައިވާ ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު، އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ހުޅުވާލާފައިވާއިރު ވޯޓު ދިނުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެވޯޑު ހަފްލާ އޮޅުވެލި ބީޗް ރިސޯޓުގައި ބާއްވަން ނިންމާފައިވާއިރު، ވޯލްޑް ޓްރެވެލް އެވޯޑްސް ވެސް މިއަހަރު ބާއްވަން ހަމަޖައްސާފައިވަނީ މި ރިސޯޓުގައި އެވެ.