އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިނގިރޭސި ވިލާތުގެ އިންފްލޭޝަން ހަތަރު ޕަސެންޓަށް ބޮޑުވާނެ ކަމަށް ލަފާކޮށްފި އެވެ.

އެގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ރިސާޗް (އެންއައިއީއެސްއާރު) އިން ލަފާކޮށްފައިވާ ގޮތުގައި ތަކެތީގެ އަގުބޮޑުވެ، އަންނަ އަހަރު ތެރޭގައި އެ ގައުމުގެ އިންފްލޭޝަން ބާރު ސްޕީޑެއްގައި މައްޗަށް ދާނެ އެވެ. މި އަދަދަކީ އޯގަސްޓު މަހުގައި ލަފާ ކުރި މިންވަރާ އަޅާ ބަލާއިރު އެއް ޕަސެންޓު ބޮޑު އަދަދެކެވެ. އޯގަސްޓު މަހުގައި އަންނަ އަހަރަށް އިންފްލޭޝަން މަތިވާނެ ކަމަށް ލަފާ ކުރީ ތިން ޕަސެންޓުގައި އެވެ.

އެންއައިއީއެސްއާރުގެ ޑިރެކްޓާ އޮފް މެކްރޯ އިކޮނޮމިކްސް، ޑރ. އަންގަސް އާމްސްޓްރޯންގް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އެގައުމުގެ މީހުންނަށް ފައިސާ ސޭވް ކުރެވޭ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"މީހުން ޚަރަދު ކުރާ މިންވަރު ދަށް ވުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުން މިވަނީ މަޑުޖެހިފައި. އެކަމާ ގުޅިގެން އަންނަ އަހަރު ގައުމުގެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ބެލެވެނީ،" ޑރ. އަންގަސް ވިދާޅުވި އެވެ.

ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެ ގައުމުގެ އިގްތިސާދުގެ ކުރިއެރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ އިންފްލޭޝަން ވަނީ އެއް ޕަސެންޓު މަތިވެފަ އެވެ. އޯގަސްޓު މަހުގައި އެގައުމުގެ އިންފްލޭޝަން ހުރީ 0.6 ޕަސެންޓު މަތީގަ އެވެ.

ސެޕްޓެމްބަރު މަހު އެގައުމުގެ އިންފްލޭޝަން މައްޗަށް ގޮސްފައި ވަނީ ފާއިތުވި ދެ އަހަރު ދުވަހުގައި ވެސް މަތި ނުވާ މިންވަރަކަށެވެ. އެމަހު އަގު މައްޗަށް ގޮސްފައި ވަނީ އަންނައުނާއި ޕެޓްރޯލް އަދި ހޮޓެލް ރޫމްގެ ބައިންނެވެ.