ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަނުގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ"އަށް މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް 10.4 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ. މިއީ ރިކޯޑެކެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏަކަށް ވާ އިރު، އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެ ކުންފުނީގެ ދެ އުސޫލުގެ އޮޕަރޭޝަންތައް ވެސް ހިންގަނީ މަސްހުނި ނުވެ، ވަކި ވަކީންނެވެ. އެހެންކަމުން ދެ އުސޫލުގެ އޮޕަރޭޝަންތަކުން ކުންފުންޏަށް ލިބޭ ފައިދާ ވެސް އެއް ނުކުރެ އެވެ.

އެޗްޑީއެފްސީއިން އާންމުކޮށްފައިވާ އެކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެޗްޑީއެފްސީ އަމްނާއަށް 4.1 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. މިއީ އެއް ކުއާޓަރުގެ ތެރޭގައި އެޗްޑީއެފްސީ އަމްނާއަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު މާލީ ފައިދާއެވެ.

އެޗްޑީއެފްސީ އަމްނާއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 2.9 މިލިޔަން ރުފިޔާއެވެ. އަދި ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަކީ ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނު އިރު އެޗްޑީއެފްސީ އަމްނާއަށް ލިބުނު ޖުމްލަ ފައިދާއަކީ 10.4 މިލިޔަން ރުފިޔާއެވެ.

އެޗްޑީއެފްސީ އަމްނާއަށް މިއަހަރު ލިބެމުންދާ މާލީ ކާމިޔާބާ ގުޅޭގޮތުން، އެޗްޑީއެފްސީ އަމްނާގެ މެނޭޖަރު އަޒްމީން ރަޝީދު "ސަން" އަށް ވިދާޅުވީ، އެޗްޑީއެފްސީ އަމްނާއަށް ލިބޭ ކޮންމެ މާލީ ކާމިޔާބީއެއް ރަމްޒުކޮށްދެނީ، ރަނގަޅު ގެއެއްގައި ދިރިއުޅުމުގެ ހުވަފެން ދެކެމުން އަންނަ ދިވެހީންގެ ހުވަފެން ހަގީގަތަށް ހެދެމުން އަންނަ ކަން ކަމަށެވެ.

"ދިވެހިރާއްޖޭގައި ގެދޮރުގެ ދަތިކަން އިންތިހާއަށް އޮތް އިރު، އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުން ގެދޮރަށް ފައިނޭންސް ކުރުމުގެ ޚިދުމަތް ތައާރަފު ކުރެވުމީ އެޗްޑީއެފްސީ އަމްނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެޗްޑީއެފްސީ އަމްނާއަށް ލިބޭ ކޮންމެ މާލީ ކާމިޔާބީއެއް ރަމްޒުކޮށްދެނީ ރަނގަޅު، ރީތި ގެއެއްގައި ދިރިއުޅުމުގެ ހުވަފެން ދެކެމުން އަންނަ ދިވެހީންގެ ހުވަފެންތައް ހަގީގަތަކަށް ހެދެމުން އަންނަ ކަން،" އަޒްމީން ވިދާޅުވިއެވެ.

މިއީ މީގެ ކުރިން އެޗްޑީއެފްސީ އަމްނާއަށް އަހަރަކު ލިބޭ ޖުމްލަ ފައިދާއަށް ވުރެ ދެގުނަ ބޮޑު އަދަދެއްކަން ފާހަގަ ކުރެވެއެވެ. މިދިޔަ އަހަރު ނިމުނު އިރު އެޗްޑީއެފްސީ އަމްނާއަށް ލިބުނު ފައިދާއަކީ 5.6 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު އެޗްޑީއެފްސީ އަމްނާގެ ޖުމްލަ ފައިދާ ފަސް މިލިޔަނަށް ވެސް ނާރައެވެ.

އެޗްޑީއެފްސީ އަމްނާގެ ހުރިހާ ޕްރޮޑަކްޓްތަކާއި ކޮންޓްރެކްޓްތައް ވެސް ހިނގާނީ އިސްލާމީ އަސާސުތަކުގެ ދަށުންނެވެ. އަދި އެ ވިންޑޯގެ ހިންގުންތައް ވެސް ހިނގާނީ އިސްލާމީ އުސޫލުތަކުގެ ދަށުންނެވެ.