03 Nov 2016, 14:50
ވޮޝިންޓަން (ނޮވެމްބަރު 3): އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންއަށް ކެމްޕެއިން ކުރެއްވުމުގެ ބަދަލުގައި ގައުމު ހިންގަން އިސްކަން ދެއްވުމަށް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ އިންތިހާބުގެ ނަތީޖާގައި ބޮޑު ދައުރެއް އަދާ ކުރާނެ ނޯތު ކެރޮލައިނާ ސްޓޭޓުގައި އޮތް ކެމްޕެއިން ރެލީއެއްގައި އޮބާމާ ވާހަކަފުޅު ދައްކަވައި، އެމެރިކާ އާއި ދުނިޔޭގެ ކުރިމަގަށް ޓަކައި ހިލަރީއަށް ވޯޓު ދެއްވުމަށް ގޮވާލެއްވި ފަހުންނެވެ.
އޮބާމާއަށް ރައްދު ދެއްވަމުން ޓުރަމްޕް ވަނީ އޮބާމާ ވެރިކަން ކުރައްވާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އަދި ހިލަރީ ކްލިންޓަން ވެރިކަމަށް އައުން ވާނީ އޮބާމާ އަނެއްކާ ވެސް ވެރިކަން ކުރެއްވުން ފަދަ ކަމަށާއި، އެގޮތް އެއްވެސް މީހަކު ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޓުރަމްޕް ވަނީ ފަހަކަށް އައިސް ހިލަރީ ކްލިންޓަން ވަނީ "ބޯގޯސްވެފައި" ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހިލަރީ ކްލިންޓަން ހުންނެވި އިރު ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލައާ ގުޅުން ހުރި އީމެއިލްތަކެއް އެފްބީއައިން އަނެއްކާ ވެސް ތަހުގީގު ކުރަން ފެށުމުން، ހިލަރީގެ ކެމްޕެއިނަށް ލިބުނު ގެއްލުމުގެ ފައިދާ ނެގޭތޯ ޓްރަމްޕް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް ހިލަރީ ކްލިންޓަންއަށް ތާއިދު ކުރާ ފަރާތްތަކުންނާއި ގައުމުގެ ބައެއް އިސް ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބު ބާއްވަން ގާތްވެފައި ވަނިކޮށް އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ އެފަދަ އިއުލާނެއް ކުރުމުން ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އިއްޔެ ނައުދިސްނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވެސް ވަނީ ކޯމީގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އޮބާމާ ވިދާޅުވީ ފުރިހަމަ ނޫން މައުލޫމާތާ ނުލައި އެފްބީއައިން ތަހުގީގެއް ފަށައިގެން ނުވާނެ ކަމަށެވެ.
އެެމެރިކާގެ ރިޔާސީ އިންތިހާބު އަންނަ ހަފްތާގެ އަންގާރައިގައި ބާއްވަން ހަމަޖެހިފައިވާ އިރު އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ދެ ކެނޑިޑޭޓުންނަށް ތާއިދު އޮތް މިންވަރުގައި އުޅެނީ ކުޑަ ތަފާތެކެވެ. (ބީބީސީ)