03 Nov 2016, 14:44
މިމަހުގެ އަށް ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެ ގައުމުގެ އިންޓްރެސްޓް ރޭޓުތައް ބޮޑުކުރުން ފެޑެރަލް ރިޒާވުން ފަސްކޮށްފި އެވެ.
އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑެރަލް ރިޒާވުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު އަންނަ ހަފްތާ ތެރޭގައި ފަށަން ހަމަޖެހިފައިވާތީ، އިންޓްރެސްޓް ރޭޓުތައް ކުޑަ ކުރުމާއި، ބޮޑު ކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަށް އެ ބޭންކުގެ އިންޓްރެސްޓް ރޭޓު ކަނޑައަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ތެރޭގައި ގެންނަން ބޭނުންވާ ބަދަލުތައް އާންމު ކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އިގްތިސާދު އޮތް ގޮތަށް ބަލާއިރު އިންޓްރެސްޓު ރޭޓުތައް ވަނީ ވަރުގަދަ ވެފައި. އިންޓްރެސްޓް ރޭޓުތައް ބޮޑު ކުރަން ވަނީ ނިންމާފައި. ނަމަވެސް ނަމަވެސް މި ވަގުތަށް އެކަން ކުރުން މަޑު ޖައްސަން ކޮމިޓީން ވަނީ ނިންމާފައި،" ފެޑެރަލް ރިޒާވްގެ ބަޔާނުގައި ވެއެވެ.
އެ ގައުމުގެ މަރުކަޒީ ބޭންކުން އެހެން ވިދާޅުވި އިރު، އެ ބޭންކުގެ އިންޓްރެސްޓް ރޭޓު ކަނޑައަޅާ ކޮމިޓީގެ ބައްދަލުވުމެއް އަންނަ މަސް ތެރޭގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ބައްދަލުވުން ނިމޭނީ 14 ޑިސެމްބަރުގަ އެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި އެ ޕްރެސް ކޮންފަރެންސުގައި އިންޓްރެސްޓް ރޭޓުތަކަށް ގެންނަން ނިންމާ ބަދަލުތަކުގެ ތަފްސީލް އާންމު ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.