03 Nov 2016, 13:45
ދިރާގުގެ 52 ޕަސެންޓް ހިއްސާ އޮންނަ، ބަހްރައިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 26 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.
ރާއްޖޭގެ ޓެލެކޮމް ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާގެ ބެލެނިވެރި ކުންފުނިން އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 239.1 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ ކުއާޓަރުގައި ލިބުނު 244 މިލިޔަން ޑޮލަރަށް ވުރެ މަދު އަދަދެކެވެ. އަދި ފުރަތަމަ ކުއާޓަރުގެ 241.1 މިލިޔަން ޑޮލަރުގެ އާމްދަނީއަށް ވުރެ ވެސް މަދު އަދަދެކެވެ.
ފައިދާއަށް ބަލާއިރު، މިދިޔަ ކުއާޓަރުގައި ބަޓެލްކޯއަށް ލިބިފައިވަނީ 26 މިލިޔަން ޑޮލަރެވެ. މިއީވެސް ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު މަދު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި ބަޓެލްކޯއަށް ލިބިފައިވަނީ 34.7 މިލިޔަން ޑޮލަރެވެ. އަދި ފުރަތަމަ ކުއާޓަރުގައި ލިބުނީ 25.5 މިލިޔަން ޑޮލަރެވެ.
ނިމިދިޔަ ނުވަ މަސް ދުވަހުގެ ޖުމްލައަށް ބަލާއިރު ބަޓެލްކޯގެ އާމްދަނީއަކީ 724.2 މިލިޔަން ޑޮލަރެވެ. އަދި ފައިދާއަކީ 86.2 މިލޔަން ޑޮލަރެވެ.
ބަޓެލްކޯއަކީ ދުނިޔޭގެ 14 ގައުމެއްގައި އޮޕަރޭޓުކުރާ ކުންފުންޏެކެވެ.
ބަޓެލްކޯގެ ކޮންޓްރޯލްގައި 52 ޕަސަންޓު ހިއްސާ އޮންނަ ރާއްޖޭގެ ޓެލެކޮމް ކުންފުނި ދިރާގަށް މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ވަނީ ރަނގަޅު މާލީ ނަތީޖާތަކެއް ހާސިލު ކުރެވިފައެވެ.
އެގޮތުން ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 1.8 ބިލިޔަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 117 މިލިޔަން ޑޮލަރުގެ އާމްދަނީޢެއް ލިބިފައިވާ އިރު، ފައިދާގެ ގޮތުގައި 635 މިލިޔަން ރުފިޔާ ނުވަތަ 41.2 މިލިޔަން ޑޮލަރު ހޯދާފައިވެއެވެ.