03 Nov 2016, 13:49
ޗާޓުން ބޭރުން ވެރިކަމާ ތޮޅެއް ނުހައްދަވާ އިންތިހާބު ތަކުގައި ވާދަކުރައްވައިގެން ވެރިކަމަށް ވަޑައިގަތުމަށް ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގޮވާލައްވައިފި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވ. ފުލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ވެރިއަކަށް ގާނޫނު އަސާސީން ލާޒިމުކުރާ މަސްއޫލިއްޔަތުތަކާ ޒިންމާތައް އަދާކުރުމަށް ކަނޑައަޅާ މުއްދަތު ދެއްވަންޖެހޭ ކަމަށެވެ.
އަދި ގާނޫނު އަސާސީއާ ހިލާފުން ވެރިކަން ވައްޓާލުމަކީ ފުރުސަތު ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"...ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ދަންނަވާލަންއޮތީ އިންތިހާބު ތަކުގައި ވާދަކުރައްވާށޭ. ޗާޓުން ބޭރުން އިންތިހާބާ ތޮޅެއް ނުހައްދަވާށޭ.. ހަމައާ އިންސާފުން ބޭރުން ވެރިކަން ވެއްޓުމުގެ އަގު މިގައުމަކުން އަދައެއް ނުކުރެވޭނެ. އެކަން ތަކުރާރު ވުމަކީ ފުރުސަތު ދެވޭނެ ކަމެއްވެސް ނޫން،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.
އަންނަ ޖަނަވަރީ މަހު 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ކައުންސިލަރު އިންތިހާބުވި ނަމަވެސް އެ ކައުންސިލެއް ވާންވާނީ ވަކި ފިކުރެއް ކުލައެއް ނެތި ހިދުމަތްދޭ ކައުންސިލަކަށް ކަމަށެވެ.
އެ ކައުންސިލްގެ އެޖެންޑާއަކަށް ތަރައްގީގެ އެޖެންޑާހަދައި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަކަށް ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުރަތަމަ ގައުމު" މިއީ ދިވެހިންގެ ފުރަތަމަ ޝިއާރު ކަމުގައި ހަދަންޖެހޭ ކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯބި ޖައްސައިގެން ނޫނީ ގައުމުގައި ދިރިމެއް އާލާއެއް ނުކުރެވޭނެ ކަމަށެވެ.