03 Nov 2016, 15:14
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ކަމަށްވާ ފޭސްބުކްގައި ކުރާ އިޝްތިހާރުތަކުން އެ ކުންފުންޏަށް ލިބޭނެ އާމްދަނީ ކުރިއަށް އޮތްތަނުގައި މަދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފޭސްބުކްގެ ޗީފް ފައިނޭންޝަލް އޮފިސާ، ޑޭވިޑް ވެނާ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ތެރޭގައި ފޭސްބުކްގައި ޖަހާ އިޝްތިހާރުތަކުގެ މިންވަރު މަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީއާއި ފައިދާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު މުޅި ފޭސްބުކްއށް ލިބޭ އާމްދަނީގެ 84 ޕަސެންޓު ހިއްސާ ކުރަނީ، ފޭސްބުކްގައި ޖަހާ އިސްތިހާތުން ލިބޭ އާމްދަނީ އެވެ.
ވެނާ ވިދާޅުވި ގޮތުގައި ފޭސްބުކް ޔޫސަރުންގެ ޓައިމްލައިންގައި އިޝްތިހާރު ޖެހޭނެ ވަކި މިންވަރެއް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ. ނަމަވެސް ވަކި މިންވަރެއް އޭނާ ހާމަ އެއް ނުކުރެއެވެ.
ފޭސްބުކުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ލިބިފައިވާ ފައިދާއަކީ 2.38 ބިލިޔަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު 896 މިލިއަން ޑޮލަރުގެ 166 ޕަސެންޓު އިތުރު އަދަދެކެވެ.
އާމްދަނީގެ ގޮތުގައި ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 7.01 ބިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 4.5 ބިލިޔަނަށް ވުރެ 56 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިއީ ފޭސްބުކަށް ލިބޭނެ ކަމަށް އަންދާޒާ ކުރި 6.96 ބިލިޔަން ރުފިޔާގެ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެއްކަން ފާހަގަ ކުރެވެ އެވެ.